ވިޔަފާރި

މޯލްޑިވިއަނުން ސީޕްލޭންގެ ޚިދުމަތް އިތުރަށް ފުޅާކުރަނީ


މޯލްޑިވިއަނުން ދެމުންދާ ސީޕްލޭން ފްލީޓްގެ ޚިދުމަތް މިއަހަރުގެ ތެރޭގައި އިތުރަށް ފުޅާކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ޙާރިޘް ވިދާޅުވީ ސީޕްލޭން ފްލީޓް ހޯދުމަށް މިހާރު އެކުންފުނިން އިތުރު ކޮންޓްރެކްޓަރުން ހޯދާފައިވާކަމަށެވެ. އަދި މިދިޔަ ހަފްތާގެތެރޭގައި 5 ބޯޓު ހޯދުމަށް މަސައްކަތް ފަށާފައިވާކަމަށެވެ. މިއަހަރުގެ ނޮވެމްބަރު ހިސާބުގައި އެއް ބޯޓު އަންނާނެކަމަށާއި އަދި މިއަންނަ އަހަރުގެ ކުރީކޮޅު އިތުރު 3 ބޯޓު ރާއްޖެ ގެނެވޭނެކަމަށްވެސް ޙާރިޘް ވިދާޅުވިއެވެ.

އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނުން ސީޕްލޭން ފްލީޓްގެ ޚިދުމަތް ފުޅާކުރަމުންދަނީ ރާއްޖޭގެ އެކި ހިސާބުގައި ފަތުރުވެރިކަން ތަރައްޤީވަމުން އަންނާތީކަމަށް އެ ކުންފުނިން ބުނެއެވެ.

މޯލްޑިވިއަނުން 2014 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކުޑަގޮތަކަށް ފެށި ސީ ޕްލޭންގެ ޚިދުމަތް އަންނަނީ ކާމިޔާބުކަމާއެކު ކުރިއަރަމުންނެވެ. އެގޮތުން މިހާރު އެކުންފުނީގެ ސީ ޕްލޭން ފްލީޓުގެ ޢަދަދު ވަނީ 9 އަކަށް އަރާފައެވެ.

މޯލްޑިވިއަނުން ވަނީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތް ތަރައްޤީކޮށް އާންމުންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން ސީ ޕްލޭންގައި ސްޓްރެޗަރގައި ބަލި މީހުން އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.