ދީން

ޙާފިޘް ކަމުގެ ފިލާ 7 ފަރާތަކަށް ދެއްވައިފި


ކީރިތި ޤުރުޢާން ހިތުދަސްކޮށްގެން ޙާފިޘް ކަމުގެ ފިލާ 7 ފަރާތަކަށް ދެއްވައިފިއެވެ.

ކީރިތި ޤުރުޢާން ހިތު ދަސްކޮށްގެން ޙާފިޘުކަމުގެ ޝަރަފުވެރި ފިލާ ޙާޞިލްކުރި ހަތް ބޭފުޅުންނަށް ޝަރަފްގެ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި 7 ބޭފުޅުންނަކީ:-

- އަލްޙާފިޘް އަޙްމަދު ޒާހިރު

- އަލްޙާފިޘް ނާދިޙް ޢަބްދުލް ޙަމީދު

- އަލްޙާފިޘް އަޙްމަދު ނަބީހު

- އަލްޙާފިޘާ ޝަރީފާ މުޙައްމަދު ދީދީ

- އަލްޙާފިޘާ މައިސަން ސަޢީދު

- އަލްޙާފިޘް އަޙްމަދު އަޙްސަން

- އަލްޙާފިޘް މުޙައްމަދު މުޞްޠަފާ

ކީރިތި ޤުރުއާނާބެހޭ މަރުކަޒު އުފެދުނު ފަހުން މިހާތަނަށް 50 ފަރާތަކުން ހާފިޒްކަމުގެ ސަނަދު ހާސިލްކޮށްފައިވެއެ. ރާއްޖޭގައި ކީރިތި ޤުރުޢާން ހިތު ދަސްކުރާ ފަރާތްތަކުގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 24 ފަރާތަކުން ޙާފިޘްކަމުގެ ސަނަދު ހާސިލްކޮށްފައިވެއެވެ. މިއީ ނިސްބަތުން އަހަރަކު 7 ފަރާތެވެ. މީގެ ކުރިން ޙާފިޘްކަމުގެ ސަނަދު ހާސިލްކޮށްފައިވަނީ ނިސްބަތުން އަހަރަކު 3 ފަރާތުން ކަން ފާހަގަކޮށްލެވެއެވެ.

މިވަގުތު ރާއްޖޭގައި 167 ޙާފިޘުން އެބަތިއްބެވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛް އިބްރާހީމް ރަޝިދު މޫސާ ވިދާޅުވީ، ކީރިތި ޤުރުޢާން ކިޔެވުމުގެ ފަންނު އިތުރުކޮށް، ރީތިކޮށް ޤުރުއާންކިޔަވާ އަދި ޤުރުއާން ޚަޠިމް ކުރާ ދަރިވަރުންގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން މިވަގުތު 14 ސްކޫލެއްގައި 940 ދަރިވަރުން ހަޠިމްކުރުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ނިޔަލަށް 645 ދަރިވަރުން ޤުރުޢާން ޚަތިމުކޮށް ދަސްވެނިވާނެކަމަށްވެސް އަލްއުސްތާޛް އިބްރާހީމް ރަޝިދު މޫސާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ އަންނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ ޤުރުޢާންކިޔެވުމުގެ މުބާރާތެއް ރާއްޖޭގައި ބާއްވާނެކަން އިޢުލާންކޮށްފައެވެ. މި މުބާރާތުގައި އެކި ޤައުމުތަކުން ބައިވެރިން ބައިވެރިވާނެއެވެ. މި މުބާރާތުގެ ބޭނުމަކީ ރާއްޖޭގެ ވަހުދަތު ބޭރު ދުނިޔޭގައި އިތުރުކޮށް އިސްލާމީ އެއްބައިވަންތަކަން ވަރުގަދަކުރުންކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

ކީރިތި ޤުރުއާން ހިތުދަސްކޮށްދޭ ގިނަ ކްލާސްތަކެއް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން އަންނަނީ ހިންގަމުންނެވެ. އަދި އެ ކްލާސްތަކުގައި ގިނަ ޢަދަދެއްގެ ކުދިން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންދެއެވެ.