ތަޢުލީމު

ސިވިލް ސަރވިސް އިޖާދީ އިނާމަށް ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި


އޮފީސްތަކުން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ތަންތަނުން އިސްނަގައިގެން ކުރާ އުފެއްދުންތެރި މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، ސިވިލް ސަރވިސް ކޮމިޝަނުން ދެމުން އަންނަ ސިވިލް ސަރވިސް އިޖާދީ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ފުރުޞަތު ހުޅުވާލާފައިވާއިރު، ނަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނައަހަރު ފެބްރުއަރީ މަހުގެ ނިޔަލަށެވެ. 2012 ވަނަ އަހަރު "ސިވިލް ސަރވިސް އިނޮވޭޝަން އެވޯޑް" ގެ ނަމުގައި ދޭން ފެށި މި އިނާމަކީ ކޮންމެ 2 އަހަރުން 1 އަހަރު ދޭ އިނާމެކެވެ. 

"ސިވިލް ސަރވިސް އިނޮވޭޝަން އެވޯޑް" ގެ ނަމުގައި އެވޯޑެއް ދިނުމަށް ހަމަޖައްސައި، މި އެވޯޑަށް މަޝްރޫޢުތައް ނުވަތަ މަސައްކަތްތައް ހުށަހެޅުމާގުޅޭ އެންމެހާ ކަންކަން ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން ޢަމަލުކުރަމުން އައި އުޞޫލުތަކަށް އިޞްލާޙު ގެނެސް މިދިޔަ އަހަރުން ފެށިގެން މި އިނާމުގެ ނަން "ސިވިލް ސަރވިސް އީޖާދީ އިނާމު" އަށް ވަނީ ބަދަލުކޮށްފައެވެ.

ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން މަސައްކަތްކުރާ އޮފީސްތަކަށް ހިންގުމުގެ ޒަމާނީ އައު ގޮތްތައް ތަޢާރަފުކުރުމުގެ އިނާމު ނުވަތަ ސިވިލް ސަރވިސް އީޖާދީ އިނާމުގެ ބޭނުމަކީ، ރައްޔިތުންނަށްދޭ ޚިދުމަތް ހަލުވިކުރުމަށް، ނުވަތަ އޮފީހުގެ މަސައްކަތުގެ ފެންވަރާއި ޚިދުމަތް ދިނުމުގެ ފެންވަރު މަތި ކުރުމަށް، ނުވަތަ އޮފީހުގެ ޚަރަދުތައް ކުޑަ ކުރުމާއެކު ހިންގުން ހަރުދަނާކުރުމަށް މުވައްޒަފުން އިސްނަގައިގެން ކުރާ ކަންތައްތަކަށް ހިތްވަރުދީ، އެފަދަ މަސައްކަތްތައް ކުރާ ތަންތަން ފާހަގަކުރުމެވެ.