ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި


އައްޑޫސިޓީ ހިތަދޫގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މިހާ އިތުރު ފަރުވާއަށް މާލެ ފޮނުވާފައިވާކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާފައިވަނީ އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކެއްގެ ސަބަބުންކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ހަވީރު ހިނގި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާދެމުން އަންނަނީ އުމުރުން 19 އަހަރުގެ ޒުވާނެއްކަމަށްވާ ފާތުމަތު ރައްޔާއަށެވެ.

އިއްޔެ އައްޑޫ ބޮޑު މަގުގައި ހިނގި މި އެކްސިޑެންޓްގެ ވިޑިއޯ އާއްމުވެފައިވާއިރު އެ ވީޑިއޯ އިން ފެންނަ ގޮތުން އެކްސިޑެންޓް ހިނގާފައިވަނީ ދެ އަންހެނުން ތިބި ސައިކަލެއް ގޯޅިއަކަށް އަޅަން އުޅެނިކޮށް ބާރު ސްޕީޑްގައި ކުރިމަތިން އައި ސައިކަލެއްގައި ޖެހިގެންނެވެ.

އިއްޔެ ހިނގި އެކްސިޑެންޓްގައި އިތުރު 3 ޒުވާނަކަށްވެސް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ. އެ މީހުން މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ.