ވިޔަފާރި

މޯލްޑިވިއަން އިން މާލޭގައި އާ ކާގޯ އޮފީހެއް ހުޅުވައިފި


އައިލެންޑް އޭވިއޭޝަނުން ހިންގާ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ދުނިޔޭގެ އެކި މަންޒިލްތަކަށް އިތުރުކުރުމާއެކު، އެކުންފުންޏަކީ މިހާރު ބޭރު ދުނިޔޭގައިވެސް މަޤްބޫލުކަން އިތުރުވަމުން އަންނަ ކުންފުންޏެއްކަމަށް އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ސައީދު މިހެން ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަން، ސިޓީ ކާގޯ އެކްސްޕްރެސް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މޯލްޑިވިއަން ސިޓީ ކާގޯ އެކްސްޕްރެސް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދު ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ޙިދުމަތް ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް އެކުންފުނިން ކުރަމުން އަންނަކަމަށެވެ. އެގޮތުން އައު އެއަރކްރާފްޓް ގެނައުމުގެ މަސައްކަތް ކުރަމުން އައުމާއި، ސީޕްލޭންގެ ޚިދުމަތާއި، ކާގޯގެ ޚިދުމަތުގެ ތެރެއަށް މިހާރު އެ ކުންފުނިން ވަދެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަނުން ހުޅުވި އައު ކާގޯ އެކްސްޕްރެސް އޮފީހާ ބެހޭގޮތުން ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ ކާގޯ އޮފީސް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް މުދާ އަވަހަށް ފޮނުވުމަށް އެހީވެދޭނެކަމަށެވެ. ކާގޯ އެކްސްޕްރެސް އޮފީސް މެދުވެރިކޮށް ފޮނުވޭނީ 10 ކިލޯއަށްވުރެ ލުއި މުދާކަމަށް އެ އޮފީހުން މައުލޫމާތުދެއެވެ.

މި އޮފީސް ހުޅުވައިދެއްވުމުގެ ގޮތުން ފުރަތަމަ ޕާރުސަލް ފޮނުވައިދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ. ކުރިއަށްއޮތްތަނުގައި އައިލެންޑް އޭވިއޭޝަންގެ އެކްސްޕްރެސް ކާގޯގެ ޚިދުމަތް ފުޅާކުރާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މި ޚިދުމަތް ފުޅާވެގެންދިއުމުން ރާއްޖެއިން ބޭރުންވެސް އެކްސްޕްރެސްކޮށް މުދާ ގެނެވޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.