ތަޢުލީމު

އެމްއެންޔޫއިން ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސް ނިމިއްޖެ


އެކި ދާއިރާތަކުން ހޯދިފައިވާ ހޯދުންތަކާއި ދިރާސާތަށް ހިއްސާކޮށް މަޝްވަރާކުރުމަށް ޤައުމީ ޔުނިވަރސިޓީން ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސް ނިމިއްޖެއެވެ.

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން މަލްޓީޑިސިޕްލިނަރީ ރިސާރޗް : ޓުވާރޑްސް އަ ސަސްޓެއިނަބަލް ސޮސައިޓީ"ގެ ނަމުގައި ޤައުމީ ޔުނިވަރސިޓީން ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަޤުވާމީ ކޮންފަރެންސަކީ ޢިލްމީ ރޮނގުރޮނގުން އެކި ފަރާތްތަކުން ހަދާފައިވާ ދިރާސާތަކާއި ހޯދުންތަށް ހުށައަޅާ އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް 2 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޮންފަރެންސެކެވެ.

މިކޮންފަރެންސްގައި ރާއްޖެއާއި ސްރީލަންކާއާއި އިންޑިއާއި އޮމާންގެ އިތުރުން ޖަރުމަނުވިލާތާއި އޮސްޓްރޭލިއާއިން  ބޭފުޅުން ބައިވެރިވެފައިވެއެވެ. މި ކޮންފަރެންސްއަށްފަހު ޤައުމީ ޔުނިވަރސިޓީގައި ދިރާސާކުރުމުގެ ޘަގާފަތެއް އުފެއްދުމުގެ މަސައްކަތްކުރަމުންދާކަމަށް އެޔުނިވަރސިޓީން ބުނެއެވެ. ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އައިޝަތު ޝާހީން ވިދާޅުވީ ޤައުމީ ފެންވަރުގައި ދިރާސާތަށް ކުރަންޖެހޭ ދާއިރާތަށް މި ކޮންފަރެންސްގައި ކަނޑައަޅާފައިވާކަމަށެވެ.

މިކޮންފަރެންސްގެ ބައިވެރިންވަނީ މިއީ ނަތީޖާ ނެރުމަށް ބޭނުންތެރި މުހިންމު ކޮންފަރެއްސެއްކަންފާހަގަކޮށްފައެވެ. އަދި މިފަދަ ކޮންފަރެންސްތައް އިތުރަށް ބޭއްވުމުގެ މުހިއްމުކަން މިކޮންފަރެންސްގައި ބައިވެރިވި ބައެއް ބައިވެރިންވަނީ ފާހަގަކޮށްފައެވެ.

މިކޮންފަރެންސްގައި 60އަށްވުރެ ގިނަ ކަރުދާސް ހުށައަޅާ މަޝްވަރާކޮށްފައިވެއެވެ.

ބައިނަލްއަޤުވާމީ މި ކޮންފަރެންސްގައި ތަޢުލީމީ ދާއިރާއާއި، އިޤްތިޞާދާއި، ސިއްޙަތާއި، މީޑިއާ އަދި ދީނީ ކަންކަމާއި ސަޤާފަތާއި ޤާނޫނީ ދާއިރާއިން ތަފާތު ދިރާސާތައް ހުށަހަޅާފައިވެއެވެ. ބައިނަލްއަޤުވާމީ ފެންވަރުގައި ޤައުމީ ޔުނިވަރސިޓީއިން ބޭއްވި މީ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮންމެ އަހަރަކު މި ކޮންފަރެންސް ބޭއްވުމަށް ރާވާފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން މަޢުލޫމާތުދެއެވެ.