ޚަބަރު

ސީ-ޕްލޭން ޓާމިނަލް އަޅާ ބިމުގައި ޝީޓްޕައިލްކުރަން ފަށައިފި


އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސީޕްލޭން ޓާމިނަލް އެޅުމަށް ހިއްކި ބިމުގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އާ ސީޕްލޭން ބޭސް ޓާމިނަލް އެޅުމަށް 1.83 ހެކްޓަރުގެ ބިން ހުޅުލެއިން ހިއްކާފައިވެއެވެ. މިމަސައްކަތް ނިންމައި ޝީޓް ޕައިލް ކުރަން ފަށާފައިވާއިރު 350 މީޓަރުގައި ޝީޓްޕައިލް ކުރާނެއެވެ. މި ޕައިލްތަކަކީ ހިއްކި ސަރަހައްދުގެ ވެލިގަނޑު ޙިމާޔަތްކުރުމަށް ޖަލާ ޝީޓް ޕައިލްތަކެކެވެ. މި މަސައްކަތުގެ ދަށުން މެއިންޓަނަންސް، ރިޕެއަރ އަދި އޯވަހޯލް ފެސިލިޓީ ޤާއިމުކުރާ ސަރަޙައްދުގައި ޖަހާ ޝީޓް ޕައިލްތަކުގެ މަސައްކަތް ވަނީ ނިމިފައެވެ. އެމަސައްކަތުގެ ދަށުން 140 މީޓަރުގައި ޝީޓްޕައިލް ޖަހާފައިވެއެވެ.

އާ ސީޕްލޭން ބޭސްއެއް ތަރައްޤީކުރުމަށް ނިންމާފައި ވަނީ މިހާރު ބޭނުންކުރަމުންދާ ސީ ޕްލޭން ބޭސް ހުރި ސަރަހައްދަކީ އާ ރަންވޭ ތަރައްޤީކުރާ ސަރަހައްދަށްވުމުންނެވެ. 

އާ ސީޕްލޭން ޓަރމިނަލްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ. ޓަރމިނަލްގެ އާ ޢިމާރާތް ތަރައްޤީ ކުރަނީ ހަތަރު ފަންގިފިލައަށެވެ. މި ޓަރމިނަލްގެ މަސައްކަތް ނިމިގެންދާއިރު މިހާރު ދެމުންދާ ސީޕްލޭންގެ ޙިދުމަތް ދެމުންގެންދާ މިންވަރު ތިންގުނަ އިތުރުވާނެކަމަށް އެކުންފުނިން ބުނެއެވެ. 

އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އެއް ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، އާ ރަންވޭއަކާއި، ޕެސެންޖަރ ޓަރމިނަލަކާއި، ފިއުލް ފަރމެއްގެ އިތުރުން ކަރގޯ ކޮމްޕްލެކްސްއެއް އެޅުމަށް ހަމަޖެހިފައިވެއެވެ.