ޚަބަރު

ރީޖަނަލް ނޮލެޖް އެކްސްޗޭންޖް ކޮންފަރެންސް ފިލިޕިންސްގައި ފަށައިފި


ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ޤައުމުތަކުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރުމަށް ބާއްވާ ސަރަހައްދީ ބައްދަލުވުން، 'ރީޖަނަލް ނޮލެޖް އެކްސްޗޭންޖް ކޮންފަރެންސް' ފިލިޕިންސްގައި ފަށައިފިއެވެ.

މި ކޮންފަރެންސްގައި ލަނޑުދަނޑިތައް ޙާސިލްކުރުމަށް ޤައުމުތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތާއި، ކުރަމުންދާ މަސައްކަތުގެ އިތުރުން ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށް މަޝްވަރާކުރާނެއެވެ.

މީގެއިތުރުން ލަނޑުދަނޑިތައް ޙާސިލްކުރުމަށްހުރި ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ކުޑަކޮށް، މަސައްކަތްތައް މަގުފަހި ކުރާނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވެއެވެ. އދ ގެ ތަރައްޤީއާއިބެހޭ ޖަމިއްޔާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓު ޕްރޮގްރާމް، ޔޫއެންޑީޕީއިން ކުރިއަށްގެންދާ މި ބައްދަލުވުމުގައި އޭޝިޔާ އަދި ޕެސިފިކްގެ 40 ޤައުމަކުން 200  މަންދޫބުން ބައިވެރިވެއެވެ. މީގެ ތެރޭގައި ސަރުކާރުތަކާއި، މަދަނީ ޖަމިއްޔާތަކާއި މާލީ އެހީތެރިކަންދޭ ފަރާތްތައް ހިމެނޭ. އެގޮތުން ރާއްޖޭގެ ތަފާތު ދާއިރާތައް ތަމްސީލްކުރައްވާ ބޭފުޅުން ހިމެނޭގޮތަށް އެކުލަވާލާފައިވާ ވަފުދެއް މި ބައްދަލުވުމުގައި ބައިވެރިވެއެވެ.

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަކީ 2030ވަނަ އަހަރަށް ޤައުމުތަކުން ޙާސިލްކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެކެވެ. މި ލަނޑުދަނޑިތަކުގެ ތެރޭގައި އިޖްތިމާއީ، އިޤްތިސާދީ އަދި ތިމާވެށީގެ ދާއިރާފަދަ ދާއިރާތަކުން މައިގަނޑު 17 ލަނޑުދަނޑި ހިމެނެއެވެ.