ޚަބަރު

އިދިކޮޅު މީހުންގެ މަސައްކަތް ކާމިޔާބު ނުވަނީ ތަރައްޤީގެ ސަބަބުން


ރާއްޖޭގެ ތަސައްވުރު ކިލަނބުކޮށްލަން ބަޔަކު މަސައްކަތް ކުރިނަމަވެސް، އެކަން ކާމިޔާބުވެފައި ނުވަނީ ރާއްޖެއަށް އަންނަމުންދާ ތަރައްޤީގެ ސަބަބުންކަމަށް ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު ޢާސިމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕޮރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ވިދާޅުވީ، ބޭރު ދުނިޔޭގައި ރާއްޖޭގެ ތަސައްވުރު ކިލަނބުކޮށްލަން ކުރާ މަސައްކަތް ނިސްބަތުން އިތުރުކަމަށެވެ. ނަމަވެސް އެފަދަ ކަންކަމާމެދު ސީރިއަސް ނަޒަރަކުން ޤައުމުތަކުން ނުދެކެނީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުވެ ވިޔަފާރިއާއި އިންވެސްޓަމްންޓްތައް އިތުރުވަމުންދާތީކަމަށެވެ. ބޭރު ޤައުމުތަކުން އަދިވެސް ރާއްޖެ ދެކެނީ އަމާން އޮމާން، ދަތުރުކުރުން ރައްކާތެރި މަންޒިލެއްގެ ގޮތުގައިކަމަށްވެސް ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ނިމިގެންދިޔަ އދ.ގެ ޢާންމު މަޖިލީހުގައި ރާއްޖޭއިން އަދާކުރި ދައުރު ކާމިޔާބުކަން ފާހަހަގަކުރައްވާފައެވެ. އަދި މި ފަހަރުގެ ބައްދަލުވުމުގައި މެންބަރު ޤައުމުތަކާއެކު ރާއްޖެއިން ކުރިއަށްގެންދިޔަ މަޝްވަރާތައް އިތުރުކަން މިނިސްޓަރ އާސިމް ފާހަގަކުރެއްވިއެވެ.