ޚަބަރު

ދިވެހި ތާރީޚާއި ސަގާފަތް ރަނގަޅަށް ދިރާސާކުރަންޖެހޭ- އާސިމް


ދިވެހިންގެ ތާރީޚާއި ސަގާފަތް ރަނގަޅަށް ދިރާސާކޮށް އޭގެ އަސްލު ނުގެއްލޭގޮތަށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ފޮރިންގ މިނިސްޓަރ ޑރ. މުޙާއްމަދު އާސިމް ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ މިހެން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިންޓަރނޭޝަނަލް ރިސަރޗް ކޮންފަރެންސް "ތިވެލި 2017" ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. "ތެވެލި 2017" އަކީ ދެމެހެއްޓެނިވި މުޖުތަމަޢުއެއް ބިނާކުރުމަށް ދިރާސީ ނަޒަރަކުން ބެލުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ކޮންފްރެންސެކެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓިއިން އިންތިޒާމުކުރާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ދިރާސާކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ. ދެ ދުވަހަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ދެމެހެއްޓެނިވި ތަރައްޤީ ގެނައުމަށް މުހިންމު ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އެގޮތުން ތަޢުލީމާއި، ސިއްޙަތާއި، ޤާނޫނާއި، ވިޔަފާރިއާއި މީޑިއާ އަދި ދީނީ ކަންކަމާއި ސަޤާފަތާއި ބެހޭގޮތުން މަޝްވަރާކޮށް ތީސީސް ހުށައެޅުމަށް ހަމަޖެހިފައިވެއެވެ.

މި ކޮންފަރެންސް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް ވިދާޅުވީ މި ކޮންފްރެންސް ވެގެންދާނީ 2030ވަނަ އަހަރަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކެށްކަމަށެވެ. މި ކޮންފަރެންސްގައި ހިމަނާފައިވާ ދާއިރާތަކަކީ ރާއްޖެއަށް ތަރައްޤީ ގެނައުމަށް ބަލާއިރު، މުޙިންމު ދާއިރާތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގައި ކުރީގެ ރަޢީސް ޑރ . މުޙައްމަދު ވަހީދު ހަސަން މަނިކުވެސް ބައިވެރިވެޑައިގަންނަވައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އަލި އަޅުއްވާލައްވާފައިވަނީ ދެމެހެއްޓެނިވި ތަރައްޤީ ހާސިލް ކުރުމަށް ތަޢުލީމުގެ މުހިންމުކަމާއި ގުޅޭގޮތުންނެވެ. 

މި ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ޗާންސެލަރ މުޙައްމަދު ލަތީފް ވިދާޅުވީ މި ކޮންފަރެންސްގައި ދިރާސާކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއްކޮށް މަސައްކަތްކޮށް، އެކި ދާއިރާތަކުން ހަދާފައިވާ ދިރާސާތައް ހިއްސާކުރާނެކަމަށެވެ. އެގޮތުން މި ކޮންފަރެންސްގައި 60 ކަރުދާހެއް ހުށައެޅުމަށް ހަމަޖެހިފައިވާކަމަށް ލަތީފް ވިދާޅުވިއެވެ.

އެމްއެންޔޫއިން ވަނީ އެކި އެކި ދާއިރާތަކުން ދިރާސާތައް ހެދުމަށް  18 ދަރިވަރަކަށް މާލީ އެހީތެރިކަންދީފައެވެ. އެމްއެންޔޫއި މިހާތަނަށް ހަދާފައިވާ ދިރާސާތަކުގެތެރޭގައި ތަޢުލީމާއި، އިޔާދަކުރަނިވި ހަކަތައާއި، ދަނޑުވެރިކަމާއި ތިމާވެއްޓާއި ތަފާތު ނަފްސާނީ މައްސަލަތަކާއި ގުޅޭ އެކިއެކި ދިރާސާތައް ހިމެނެއެވެ.