ޚަބަރު

މަސްވެރިކަމުގެ ދާއިރާގެ ކުށްތަކާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް


މަސްވެރިކަމުގެ ދާއިރާގެ ކުށްތަކާއި ގުޅޭގޮތުން، މުވައްސަސާތަކަށް މަޢުލޫމާތުދިނުމުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިއެވެ.

'ޓްރެއިނިންގ ޕްރޮގްރާމް އޮން ފިޝަރީޒް ކްރައިމް' ގެ ނަމުގައި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ޔުނައިޑެޓް ނޭޝަންސް އޮފީސް އޮން ޑުރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީއާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީން ޕްރްގްރާމެކެވެ.

ކަސްޓަމްސް ހެޑް އޮފީހުގައި ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާގެ ކުށްތަކާއި ގުޅޭގޮތުން ރާއްޖޭގައި ބާއްވާ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ. މަސްވެރިކަމުގެ ދާއިރާއާގެ ކުށްތަށް ހިންގާ ކަމަކަށް ރާއްޖޭގައި ރެކޯޑް ކުރެވިފަ ނުވިނަމަވެސް އިންޑިއާ ކަނޑުގެ އެހެން ޤައުމުތަކުގައި ފިޝަރީޒް ކްރައިމްތައް އަންނަނީ އިތުރުވަމުންނެވެ.

'ޓްރެއިނިންގ ޕްރޮގްރާމް އޮން ފިޝަރީޒް ކްރައިމް' ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޑިރެކްޓަރ އާދަމް ޒިޔާދު ވިދާޅުވީ މިފަދަ ތަމްރީން ޕްރޮގްރާމްތައް ރާއްޖެއަށް ވަރަށް މުޙިއްމު ކަމަށެވެ. ސަބަބަކީ ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަންކުރާ ޤައުމަކަށްވާއިރު، މަސްވެރިކަމާއި ގުޅުންހުރި ކުށްތަކާއި ގުޅޭގޮތުން މައުލޫމާތު ލިބުން މުހިއްމުކަމަށެވެ.

މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ކަސްޓަމްސްގެ ސީނިއާ ސްޕްރިޑެންޓެންޓް އަޙްމަދު ނިޔާޒް ވިދާޅުވީ މި ތަމްރީން ޕްރޮގްރާމްގައި މަސް އޮޑިފަހަރު ބޭނުންކޮށްގެން މަސްތުވާތަކެތި އެތެރެކުރުމާއި ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެކުރުމާއި ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދޭނެކަމަށެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކަސްޓަމްސްއާއި އެމްއެންޑީއެފް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ފިޝަރީޒް މިނިސްޓްރީގެ 20 ފަރާތަކުން ބައިވެރިވެއެވެ.

މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ޔޫއެންއޯޑީސީގެ ތަޖްރިބާ ކާރުންނެވެ.