ދުނިޔެ

މިޔަންމާގައި ހަރުކަށި ޖަމާޢަތްތައް އުފެދުން އެކަށީގެންވޭ!


މިޔަންމާގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ނާޖާއިޒު ފައިދާ ނަގާ މިޔަންމާގައި ހައްދު ފަހަނައަޅާފައިވާ ހަރުކަށި ޖަމާޢަތްތައް އުފެދުމަކީ އެކަށިގެންވާ ކަމެއް ކަމަށް އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ޖޫލީ ބިޝޮޕް ވިދާޅުވެއްޖެއެވެ.

އޮސްޓްރޭލިޔާގެ އޭ.ބީ.ސީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ޚާރިޖީ ވަޒީރު ޖޫލީ ބިޝޮޕް ވިދާޅުވީ މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާ އެމީހުން މިހާރު އުޅެމުންދާ ހާލުގެ ނާޖާއިޒު ފައިދާ ނަގާ ނުރައްކާތެރި އައި.އެސް ފަދަ ހައްދު ފަހަނާއަޅާފައިވާ ޓެރަރިސްޓް ޖަމާޢަތްތަކުން މިޔަންމާގައި ވެސް އޮޕަރޭޝަންތައް ފެށުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެ. މިޔަންމާގެ މައްސަލައިގެ ސަބަބުން ހުޅަނގާ ދެކޮޅަށް އައި.އެސް ފަދަ ޖަމާޢަތްތަކުން ގެންގުޅޭ ބަސްމަގަށް ހެކިލިބޭ ފަދަ ކަންކަން އެބަހުރި ކަމަށާ މިހެން ކަމުން މިޔަންމާގެ މައްސަލައަށް ސިޔާސީ އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް ބިޝޮޕް ވިދާޅުވިއެވެ. އެހެން ނަމަވެސް، ސިޔާސީ ހައްލެއްގެ ކުރިން މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ އިންސާނީ ކާރިޘާއަށް ވެސް ހައްލު ހޯދަން ޖެހޭ ކަމަށް އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރަކާން ސްޓޭޓްގައި އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަން މިހާރުން މިހާރަށް ހުއްޓާލާ އެސަރަހައްދަށް އިންސާނީ އެހީދޭ ފަރާތްތަކުން ވަނުމުގެ ހުއްދަ ދިނުމަށް މިޔަންމާގެ ސަރުކާރަށް އޮސްޓްރޭލިޔާއިން ގޮވާލާ ކަމަށެވެ. އަދި މިޔަންމާގެ ރަކާން ސްޓޭޓްއަށް ބައިނަލްއަޤްވާމީ މަންދޫބުން ވަނުމުގެ ހުއްދަ މިޔަންމާ ސަރުކާރުން ދީފައިވާތީ މިކަމާ އޮސްޓްރޭލިޔާއިން އުފާ ކުރާ ކަމަށް ވެސް އެގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިޔަންމާގެ ރޮހިންޔާ މުސްލިމުން އެންމެ ގިނައިން އުޅޭ ރަކާން ސްޓޭޓްގައި އެޤައުމުގެ އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަންގައި 500 އަށް ވުރެ ގިނަ މީހުން މަރުވެ ބައި މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައެވެ.

އޮގަސްޓް މަހުގެ 25 ވަނަ ދުވަހު މިޔަންމާގެ ރަކާން ސްޓޭޓްގައި ހުންނަ ފުލުހުންގެ 30 ޕޯސްޓަކަށް ދިން ހަމަލާތަކަށް ފަހު މިޔަންމާގެ ރޮހިންނާ މުސްލިމުންނާ ދެކޮޅަށް އަސްކަރިއްޔާއިން ހިންގަމުންދާ އޮޕަރޭޝަނަކީ އެނަސްލުގެ މީހުން އެޤައުމުން ނައްތާލުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށް އދން ވަނީ ސިފަކޮށްފައެވެ. މި ގޮތުން، ވަކި އުމުރެއް ބެލުމެއް ނެތި މީހުން މެރުމާ ރަހުމު ކުޑަ ގޮތްގޮތަށް މީހުން މެރުމުގެ ކަންކަން މިޔަންމާގެ އަސްކަރިއްޔާގެ އިތުރުން ބުޑިސްޓް އެކްޓިވިސްޓުން ކުރަމުންދާ އިރު މިޔަންމާގެ ސަރުކާރުން ތިބީ މިކަންކަން ބެލުމަށް އަތް އުރާލައިގެންނެވެ.

އަސްކަރިއްޔާއިން ހިންގަމުންދަނީ ސަލާމަތީ އޮޕަރޭޝަނެއް ކަމަށާ އަސްކަރިއްޔާގެ އޮޕަރޭޝަންގެ އަމާޒަކީ ހަނގުރާމަވެރި ޖަމާޢަތްތައް ކަމަށް މިޔަންމާގެ ސަރުކާރުން ތަކުރާރުކޮށް ބުނި ނަމަވެސް، ރަކާން ސްޓޭޓްއިން ސަލާމަތްވެގެން އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައިވާ 500 ހާސް މީހުން ތަހައްމަލުކޮށްފައިވާ ވޭނާ އުނދަގޫ މިކަން ދޮގުކުރެއެވެ. ރަކާން ސްޓޭޓްގެ ބޮޑު ބައެއް އަންދާލާފައިވާ އިރު އެރަށުގައި ތާށިވެފައި ތިބި މީހުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ވެސް މިޔަންމާގެ އަސްކަރިއްޔާއިން ވަނީ ދެކޮޅު ހަދާފައެވެ. މިއީ އެފަދަ މަސައްކަތް ކުރާ ފަރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް މިޔަންމާގެ އަސްކަރިއްޔާއިން ބުނި ނަމަވެސް ބައިނަލްއަޤްވާމި މީޑިއާތަކުން ބުނަނީ މިއީ އަސްކަރިއްޔާގެ ޖަރީމާތައް ފޮރުވުމަށް އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުން އަންނަ ޖަރީމާތައް ބައިނަލްއަޤްވާމީ ދުނިޔެއިން ތަކުރާރުކޮށް ކުށްވެރިކުރި ނަމަވެސް އިންސާނީ އެހީ ދިނުމުގެ އިތުރަށް ބައިނަލްއަޤްވާމީ ދުނިޔެއިން އިތުރު ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް، އެމެރިކާއިން ދާދި ފަހުން ވަނީ މިޔަންމާގެ އަސްކަރިއްޔާއަށް ހަތިޔާރު ވިއްކުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލާފައެވެ.