ޚަބަރު

"މަހާ ޖައްރާފު" ރަސްމީކޮށް އެމްޓީސީސީއާ ހަވާލުކޮށްފި


އެމްޓީސީސީގެ ބިން ހިއްކާ ޑްރެޖަރ "މަހާ ޖައްރާފު" ރަސްމީކޮށް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. 

ނެދަލެންޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "މަހާ ޖައްރާފު" އާއި ހަވާލުވީ އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތުއެވެ. ބިން ހިއްކުމުގެ މަސައްކަތް ފުޅާކުރުމަށްޓަކައި އެމްޓީސީސީން ބަނދެފައިވާ "މަހާ ޖައްރާފު" ބޭނުންކޮށްގެން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބިން ހިއްކުމުގެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

"މަހާ ޖައްރާފު" ބަނދެފައިވަނީ ނެދަލެންޑްސްގެ އައި.އެޗް.ސީއާ ހަވާލު ކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ" ގެ ބޯޓު ޔާޑުގައެވެ. މަހާ ޖައްރާފަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަންހުރި އުޅަނދެކެވެ. މި އުޅަނދުގެ ދިގުމިނުގައި 90 މީޓަރު ހުރެއެވެ. އަދި މި ބޯޓަށް އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލި ބަރު ކުރެވޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މި ޑްރެޖަރ ބަނުމަށް އެމްޓީސީސީން 36 މިލިއަން ޑޮލަރު ނުވަތަ 555 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަންނަމަހުގެ ތެރޭގައި "މަހާ ޖައްރާފު" ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.