ޚަބަރު

ޓީއެމްއޭއަށް އިތުރު ސީ-ޕްލޭނެއް ގެނެސްފި


ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް، ޓީއެމްއޭގެ އުދުހުންތަކުގައި ބޭނުން ކުރުމަށް މޫދަށް ޖައްސާ އިތުރު ބޯޓެއް ގެނެސްފިއެވެ.

އަލަށް ގެނައި ބޯޓާއެކު ޓީއެމްއޭގެ ސީ ޕްލޭން ފްލީޓުގެ އަދަދު ވަނީ ސާޅީން ނުވަޔަކަށް އަރާފައެވެ. ޓީއެމްއޭއިން މަޢުލޫމާތު ދޭ ގޮތުގައި، އެކުންފުނިން ހުކުރު ދުވަހު ހަވީރު ރާއްޖެ ގެނެސްފައި ވަނީ ޑީއެޗްސީ-6 ސީރީސް ތްރީ ހަންޑްރެޑް މަރުކާގެ ބޯޓެކެވެ. މިބޯޓު ރާއްޖެ ގެނެސްފައި ވަނީ ކެނެޑާގެ ކެލްގަރީންނެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު ރިސޯޓުތައް ހުޅުވި ފަތުރުވެރިކަން ފުޅާވަމުންދާއިރު، އެއަރ ޓެކްސީއަށް އޮންނަ ޑިމާންޑުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން ޓީއެމްއޭއިން ބުނީ އެކުންފުނީގެ ސީ ޕްލޭން ފްލީޓް ބޮޑުކުރަމުންދަނީ އެ ޑިމާންޑާއި އެއްވަރަށް ޙިދުމަތް ދިނުމަށް ކަމަށެވެ.