ޚަބަރު

ރޮހިންޔާ ފަންޑަށް އެހީވުމަށް ކުޅުނު މެޗުތަކަށް ބޮޑު ތަރުހީބެއް


އެފްއޭއެމްއިން އިންތިޒާމްކޮށްގެން، ރޮހިންޔާ ފަންޑަށް އެހީވުމަށް ކުރިއަށްގެންދިޔަ ފުޓްބޯޅަ މެޗުތަކަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ރޮހިންޔާ ރައްޔިތުންނާއެކު ދިވެހިން ޓެލެތޯންގައި ބައިވެރިވެ، ފުޓްބޯޅަ އާއިލާގެ ފަރާތުން އެހީވުމަށް ފަސް މެޗެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ތަފާތު ގޮތްގޮތަށް ފައިސާ ހަދިޔާ ކުރެވޭ އިންތިޒާމް ހަމަޖައްސައިގެން ކުރިއަށް ގެންދިޔަ މެޗުތަކުގައި ރާއްޖޭގެ ކުރީގެ ކުޅުންތެރިން ހިމެނޭ ވެޓަރެންސް ޓީމާއި، މިހާރުގެ ސީނިއަރ ޓީމާއި، ފިލްމީ ތަރިންނާއި، މުޒިކީ ދާއިރާގެ ބައެއް ފަންނާނުން ހިމެނޭ ޓީމާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ ޓީމް ވާދަކުރިއެވެ. 

މެޗު ތެރޭގައި ކުޅުންތެރިންގެ ޖަރޒީ ނީލަން ކިޔަން ހުޅުވާލި ފުރުޞަތުގައި ގިނަ ޖަރޒީތަކެއް ބޮޑު އަގުގައި ވަނީ ނީލަމުގައި ވިކިފައެވެ. އެގޮތުން އެންމެ ބޮޑު އަގެއް ހުށައަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ޖަރޒީއަށެވެ. ވަޒީރުންގެ ޓީމްގައި ހިމެނި ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ ޖަރޒީއަށް ހުށައަޅުއްވާފައިވަނީ އެކެއް ޕޮއިންޓް ފަހެއް މިލިއަން ރުފިޔާއެވެ. އެމަނިކުފާންގެ ޖަރޒީ ނަމްބަރަކީ 18 އެވެ. ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ޖަރޒީއަށް ވަނީ ފަސްލައްކަ ރުފިޔާ ހުށައަޅުއްވާފައެވެ. މީގެއިތުރުންވެސް ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންގެ ޖަރޒީތަކަށް ވަނީ އަގުތައް ހުށައަޅުއްވާފައެވެ. 

img:http://s4.psmnews.mv/images/660x400/15067473296904.jpg|އެންމެ ބޮޑު އަގުގައި ވިކުނު ރައީސުލްޖުމްހޫރިއްޔާގެ ޖަރޒީ ބައެއް ވަޒީރުން ދައްކާލަނީ: ފޮޓޯ-ޕީއެސްއެމް

މީގެއިތުރުން މެޗުގެ ތެރެއިން ކުޅެން އަރައިގެންނާއި، ޕެނަލްޓީ ކާރޑް ބޭނުންކޮށްގެން އަދި ޑޮނޭޓް ފޮށިތައް މެދުވެރިކޮށްވެސް ބައެއް ފަރާތްތަކުން ވަނީ ފައިސާ ހަދިޔާކުރައްވާފައެވެ. މެޗުތަކަށްފަހު ރޮހިންޔާ މުސްލިމުންނާއެކު ދިވެހިން ޓެލެތޯނަށް ސަރުކާރުން އެކުލަވާލެއްވި ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން އަދި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ މިހަރަކާތުންވެސް ދައްކުވައިދެނީ ދިވެހިންގެ އެއްބައިވަންތަކަން ކަމަށާއި، މުޅި ފުޓްބޯޅަ އާއިލާއާއި، ދިވެހި މުނިފޫހި ފިލުވުމުގެ ދާއިރާގެ ފަންނާނުން އަދި މަޖިލިސް މެމްބަރުންނާއި ވަޒީރުން ގުޅިގެން ކުރެއްވި މަސައްކަތް ވަރަށް ކާމިޔާބުކަމަށެވެ. މިކަމުގައި އެފްއޭއެމްއިން ކުރެއްވި މަސައްކަތް އެމަނިކުފާން ވަކިން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ.

" ފުޓްބޯޅަ މިހިސާބަށް ގެނެސްދެއްވި ކުޅުންތެރިންނާއި، އަރަމުން އަންނަ ފަރިވަމުން އަންނަ ކުޅުންތެރިން އަދި މަޖިލިސް މެމްބަރުންނާއި، ވަޒީރުންގެ އިތުރުން މުނިފީހުފިލުވުމުގެ ދާއިރާ ގުޅިގެން މިގެންދެވުނު ޝޯއަކީ ވަރަށް ކާމިޔާބު ޝޯވއެއް. ސަރުކާރު ކުރިއަށްގެންދާ ތެލެތޯންއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް، ކާމިޔާބީއެއް. މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. " މިނިސްޓަރ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15067475457105.jpg|މެޗުގައި އެމްޕީ ފަލާހުއާއި، އިސްލާމިކް މިނިސްޓަރ ބޯޅައަށް މަސައްކަތްކުރައްވަނީ: ފޮޓޯ-ޕީއެސްއެމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ފުޓްބޯޅަ އާއިލާއިން އިސްވެ، އޮވެ ކުރިއަށްގެންދިޔަ ހަރަކާތުން ކަނޑައެޅި އަމާޒަށްވުރެވެސް ބޮޑަށް ހާޞިލްކުރެވިއްޖެ ކަމަށާއި، މިފަދަ ކޮންމެ ކަމެއްގައި ފުޓްބޯޅަ އާއިލާގެ އެހީތެރިކަން އަބަދުވެސް ލިބޭނެކަމަށެވެ.

" އަޅުގަނޑުމެން ކަނޑައެޅި އަމާޒަށް އަދި އެއަށްވުރެވެސް ބޮޑަށް ހާޞިލްވެއްޖެ. މިއީ ފުޓްބޯޅަ އާއިލާއަށްވެސް ލިބުނު ވަރަށް ބޮޑު އުފަލެއް. މިފަދަ ކޮންމެ ކަމެއްގައި ފުޓްބޯޅަ އާއިލާ އަބަދުވެސް އޮންނާނެ." ބައްސާމް ވިދާޅުވިއެވެ.