ކުޅިވަރު

56 އަހަރުގެ މީހަކު ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަންކަން ކޮށްފި


ޤައުމީ ފުޓްބޯޅަ ޓީމްގައި ނުހިމެނޭ ކުޅުންތެރިއަކު ފުރަތަމަ ފަހަރަށް ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ޓީމްގައި ކުޅެފިއެވެ.

 ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޓީމްގައި ނުހިމެނޭ މީހަކީ ހދ.ކުޅުދުއްފުށީ އަހުމަދު ހަސަންއެވެ. އޭނާ ޤައުމީ ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ސީނިއަރ ޓީމްގެ މުޙިއްމު ކުޅުންތެރިންނާއެކު ކުޅުނީ ރޮހިންޔާ ފަންޑަށް ފައިސާ ހޯދުމަށް އެފްއޭއެމްއިން އިންތިޒާމްކޮށްގެން ރޭ ކުޅުނު ޗެރިޓީ މެޗުތަކުގައި ސީނިއަރ ޓީމް މުނިފޫހިފިލުވުމުގެ ދާއިރާގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެމެޗުގައި އަހުމަދު ހަސަން ސީނިއަރ ޓީމްގެ ކެޕްޓަން ބޭންޑް އެޅީ ދިހަ ހާސް ރުފިޔާއަށެވެ. އެފައިސާ ހަދިޔާކުރާނީ ރޮހިންޔާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށެވެ.

img:http://s3.psmnews.mv/images/660x400/15067445924058.jpg|ލަނޑު ޖެހުމަށްފަހު އަހުމަދު ސީނިއަރ ޓީމްގެ ކުޅުންތެރިންނާއެކު: ފޮޓޯ-ޕީއެސްއެމް

56 އަހަރުގެ އަހުމަދު ހަސަންގެ އަތުގައި ބޭންޑް އަޅުވައިދިނީ ޤައުމީ ކެޕްޓަން އަލީ އަޝްފާޤެވެ. އޭނާ ކުޅެން ނިކުތުމާއެކު ޤައުމީ ޓީމްގައި ހަތް ނަމްބަރު ޖަރޒީގައި ދެ ކުޅުންތެރިން ކުޅެމުން ދިޔައެވެ. މެޗުގައި ލިބުނު ޕެނަލްޓީއެއްވެސް އަޝްފާޤު ޖެހުވީ އަހުމަދު ހަސަން ލައްވައެވެ. އޭނާ ވަނީ ޕެނަލްޓީ ކާމިޔާބުވެސްކޮށްފައެވެ. މެޗަށްފަހު އަހުމަދު ހަސަން ބުނީ އޭނާ ކުރިން ފުޓްބޯޅަ ނުވެސް ކުޅޭ ކަމަށާއި، ނަމަވެސް ޤައުމީ ޓީމްގެ ކެޕްޓަން ބޭންޑް އަޅައިގެން ޤައުމީ ޖަރޒީގައި ކުޅެ، ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ފައިސާ ހަދިޔާ ކުރުމަކީ ލިބުނު އުފަލެއް އަދި ފަޚްރެއްކަމަށެވެ. 

" ގައިން ހީބިހި ނަގާ އަދިވެސް އެބަ. ކުރިން ފުޓްބޯޅަ ނުވެސް ކުޅެން " އަހުމަދު ހަސަން މެޗަށްފަހު ބުންޏެވެ.

img:http://s1.psmnews.mv/images/660x400/15067447785273.jpg|އިމްރާން ނަޝީދުގެ ބަދަލުގައި 6 ނަމްބަރު ޖަރޒީގައި އައިދިން ކުޅެން ނިކުންނަނީ: ފޮޓޯ-ޕީއެސްއެމް

މިމެޗުގައި ކުޑަކުއްޖަކުވެސް ވަނީ ޤައުމީ ޓީމަށް ކުޅެފައެވެ. އައިދިން މެޗުގައި ކުޅުނީވެސް ރޮހިންޔާ ފަންޑަށް ދެހާސް ރުފިޔާ ހަދިޔާ ކުރާ ގޮތަށެވެ. މެޗުގައި ދިހަ މިނިޓް ކުޅުމުގެ ފުރުޞަތު ދީފައިވަނީ ދެހާސް ރުފިޔާއަށެވެ.