ދުނިޔެ

ސޫރިޔާ ހަނގުރާމަ ނިމުމަކަށް ގެނެވޭނެ މާހަޢުލެއް އެބައޮތް- ރަޝިޔާ


ސޫރިޔާގެ 6 އަހަރު ދުވަސްވީ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ބޭނުންވާފަދަ މާހައުލެއް، އެ ގައުމުގައި މިހާރު ޤާއިމްކުރެވިފައިވާކަމަށް ރަޝިޔާގެ ރައީސް ވްލަޑްމިޔަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ރައީސް މިހެން ވިދާޅުވެފައިވަނީ ސޫރިޔާގެ ހަނގުރާމައާ ބެހޭގޮތުން ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާނާ ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި އެގައުމުގެ ރައީސް ތައްޔިބު އުރުދުޣާންއާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕޫޓިން ވިދާޅުވީ، ސޫރިޔާގެ ދުވަސްވީ ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ލިބިފައިވާ ކާމިޔާބީއަކީ ރަޝިޔާއާ ތުރުކީވިލާތުން ގުޅިގެން ކުރި މަސައްކަތުން ލިބިފައިވާ ކާމިޔާބީކަމަށެވެ. 

މިގޮތުން މި ދެގައުމުގެ އިތުރުން އީރާނުން ބައިވެރިވާ ވާހަކަތައް މެދުވެރިކޮށް ސޫރިޔާގައި ހަމަލާތައް ބަދަލުކުރުން މަނާ ކުރުން މަނާ ސަރަހައްދުތައް ކަނޑައެޅުމަށް ޤާއިމުކޮށްފައިވާ އެއްބަސްވުންތަކަށް އިޝާރާތް ކުރައްވާ ޕުޓިން ވިދާޅުވީ، މި އެއްބަސްވުންތަކުގެ ސަބަބުން ސޫރިޔާގެ ދާޚިލީ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް ބޭނުންވާ ހާލަތު މިހާރު ގެނެވިފައިވާ ކަމަށެވެ. އަދި މިއާއެކު ސޫރިޔާގެ ގެއްލުން ބޮޑު ހަނގުރާމަ މުޅިން ނިމުމަކަށް ގެނެސް އެގައުމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާޢަތްތައް ނާކާމިޔާބުކޮށްލުމުގެ މަގު ފަހިވެފައިވާ ކަމަށާ ސޫރިޔާގެ ރައްޔިތުންނަށް އާއްމު ދިރިއުޅުން އަލުން އުޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ. 

ރަޝިޔާގެ ރައީސް ވިދާޅުވީ، ސޫރިޔާގެ ސުލްހައިގެ މަސައްކަތުގައި މިވަގުތު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމަކީ 6 އަހަރު ދުވަސްވީ ހަނގުރާމައިގެ ސަބަބުން ސަރަހައްދުގެ އެކި ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި އުޅެމުންދާ ސޫރިޔާގެ ރައްޔިތުން އަނބުރާ ގައުމަށް ގެނައުން ކަމަށާ މި ފަރާތްތަކަށް ރައްކާތެރި ވެއްޓެއް ސޫރިޔާގައި އުފެއްދުން ކަމަށެވެ.

ރަޝިޔާގެ ރައީސާ އެކު ބޭއްވެވި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވީ ސޫރިޔާގެ ސުލްޙައިގެ މަސައްކަތްތައް ދާ ގޮތާ މެދު ތުރުކީ ސަރުކާރުން އުފާކުރާ ކަމަށެވެ. އަދި ކަޒަކިސްތާނުގެ ވެރިރަށް އަސްތާނާގައި ކުރިއަށްދާ ސުލްޙައިގެ ވާހަކަތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާ މި ވާހަކަތަކުގެ ސަބަބުން ސުލްޙައިގެ މަސައްކަތްތައް ވަރުގަދަ ވަމުންދާ ކަމަށް ވެސް ތުރުކީވިލާތުގެ ރައީސް ވިދާޅުވިއެވެ. އުރުދުޣާން ވިދާޅުވީ، ތުރުކީވިލާތާ ރަޝިޔާއިން ވެސް ތިބީ ސޫރިޔާގެ ހަނގުރާމައަށް ސިޔާސީ އަދި ސުލްޙަވެރި ހައްލެއް ހޯދުމަށް ތައްޔާރަށް ކަމަށާ އެގައުމުތަކުން މިކަމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ކަޒަކިސްތާނުގެ އަސްތާނާުގައި ބާއްވާ ވާހަކަތަކުގައި ސޫރިޔާގެ ހަތަރު ސަރަހައްދެއްގައި ހަމަލާތައް ބަދަލުކުރުން މަނާ ޒޯންތައް ކަނޑައެޅުމުގެ އެއްބަސްވުމުގައި ރަޝިޔާ، އީރާނު، ތުރުކީވިލާތް އަދި ސޫރިޔާގެ ސަރުކާރުން ސޮއިކޮށްފައިވަނީ މިއަހަރުގެ މޭއި މަހުގެ ތެރޭގައެވެ. މި ގައުމުތަކުން ޤާއިމުކުރި އެއްބަސްވުމުގެ ދަށުން މި ސަރަހައްދުތަކުގައި ހަމަލާތައް ބަދަލުކުރުމަށް ޤައިމުކުރާ އެއްބަސްވުން ތަންފިޒުކުރާ ފަހުން 6 މަސްދުވަސް ވަންދެން މި ސަރަހައްދުތަކުގައި ހަމަލާތައް ބަދަލު ކުރޭތޯ ނުވަތަ ނޫންތޯ ބެލުމަށް ރަޝިޔާ، އީރާނު އަދި ތުރުކީގެ ފައުޖުތަކުން ހަރަކާތްތެރިވާނެއެވެ. މީގެ ތެރެއިން އެއް ސަރަހައްދު ކަމަށް ވާ ސޫރިޔާގެ އިދްލިބްގައި ހަމަލާތައް ބަދަލުކުރޭތޯ ބެލުމަށް އެރަށަށް ތުރުކީ ސިފައިން ފޮނުވާނެ ވާހަކަ ތުރުކީއިން މީގެ ކުރިން ވަނި ބުނެފައެވެ. މި ސަރަހައްދުތަކުގެ ވައިގެ ސަރަހައްދުތައް ބަލަމުންދާނީ ރަޝިޔާގެ އަސްކަރިއްޔާއިން ކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ރަޝިޔާއިން އިސްވެގެން ޤާއިމުކޮށްފައިވާ މި އެއްބަސްވުންތަކަށް އދން މަރުޚަބާ ކިޔާފައިވާ އިރު އދން ބުނެފައިވަނީ މިކަމުގެ ސަބަބުން ސޫރިޔާގެ ސަރަހައްދީ މިނިވަންކަމަށް އެއްވެސް ބުރޫއެއް އަރައިގެން ނުވާނެ ކަމަށެވެ.