ޚަބަރު

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެ


މިއަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް ސަތޭކަ އެކާވީސް ހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. 

މިއީ ހުސްވި އަހަރުގެ އޮގަސްޓުމަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާ ބަލާއިރު އަށެއް އިންސައްތަ އިތުރު އަދަދެކެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ އޮގަސްޓްމަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޭޝިއާ އަދި ފެސިފިކްގެ ޤައުމުތަކުންނެވެ. އެގޮތުން މިޤައުމުތަކުން ސާޅީސް ނުވައެއް އިންސައްތަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑިއާ، ޖަޕާން އަދި ކޮރެއާ ހިމެނެއެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު އޮގަސްޓްމަހު ދަށަށް ގޮސްފައިވީ ނަމަވެސް އަދިވެސް އެއް ޤައުމަކުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ އޮގަސްޓްމަހު ޗައިނާއިން ރާއްޖެއަށް ތެއްތިރީސްހާހަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ރާއްޖެއަށް އަށްސަތޭކަ ނުވަދިހަދެހާހަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ހުސްވި އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ހަޔެއް އިންސައްތަ އިތުރު އަދަދެކެވެ. ރާއްޖޭގެ ބެޑް ކެޕޭސިޓީ އެގާރަ ޕަސަންޓަށް އިތުރުވުމާއި ގުޅިގެން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭ ތަކުގެ އަދަދު ނުވައެއް އިންސައްތަ އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.