ވިޔަފާރި

އެމްޓީސީސީގެ ޙިއްސާދާރުންނަށް ހިއްސާ ގަތުމަށް އިތުރު ފުރުޞަތެއް


މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީން އެކުންފުނީގެ ޙިއްސާދާރުންނަށް ހިއްސާ ގަތުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި އެމްޓީސީސީން ވަނީ އެކުންފުނީގެ ހިއްސާދާރުންނަށް، ކޮންމެ ހިއްސާއަކަށް ހިއްސާއެއް ގަތުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި ހިއްސާދާރުން ގަންނަ ހިއްސާ އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ފުރުސަތުވެސް އެކުންފުނިން ވަނީ ހުޅުވާލާފައެވެ.

އެމްޓީސީސީން ހިއްސާއެއް ވިއްކުމަށް ކަނޑައަޅާފައިވަނީ ހިއްސާއެއް ފަސްދޮޅަސް ދެރުފިޔާގެ މަގުންނެވެ. ހިއްސާ ވިއްކުމަށް ކަނޑައަޅާފައިވާ މުއްދަތަކީ އޮކްޓޯބަރ 19 އިން ޑިސެމްބަރ މަހުގެ 3 ގެ ނިޔަލަށެވެ. 9 އޮކްޓޯބަރ ގެ ނިޔަލަށް ހިއްސާދާރުންގެ ގޮތުގައި ދަފްތަރުވެފައިވާ ކޮންމެ ފަރާތަކަށްވެސް ހިއްސާ ގަނެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ޗެއަރމަން އަޙްމަދު ނިޔާޒު ވިދާޅުވީ، އެ ކުންފުނިން އިތުރު ހިއްސާ ވިއްކަން ނިންމީ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ގަނެފައިވާ ޑްރެޖަރަށް ފައިސާ ދެއްކުމަށާއި، ޑްރެޖަރ ބޭނުންކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ބައެއް އާލާތްތައް ގަތުމުގެ ގޮތުންކަމަށެވެ.

ނިޔާޒް ވިދާޅުވީ ޑްރެޖަރ ގަންނަން ސަރުކާރުން އެގާރަ މިލިއަން ޑޮލަރުގެ ލޯނެއް ދީފައިވާ ކަމަށާއި އަދި ފަހުން އެ ލޯނު އިކުއިޓީގެ ގޮތުގައި ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. މި ޑްރެޖަރ އޮކްޓޯބަރ މަހުގެ ފަހުކޮޅު ރާއްޖެ ގެނެވޭނެކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

އެމްޓީސީސީގެ ހިއްސާދާރުންގެ ދަފްތަރުގައި މިހާތަނަށް ބާވީސް ހާސް ހިއްސާދާރުން އެބަތިބިކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އެމްޓީސީސީން ވަނީ 5 މިލިއަން ހިއްސާ ވިއްކައިގެން 305 މިލިޔަން ރުފިޔާ ހޯދުމަށް އަމާޒުހިފާފައެވެ.