ވިޔަފާރި

"ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް" ބާއްވައިފި


ތައިލެންޑާއި ރާއްޖެއާ ދެމެދު ފަށާ، "ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް" ގެ ތިންވަނަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

މިއީ ރާއްޖޭގެ ވިޔަފާރިވެރިންނަކީ ތައިލެންޑްގެ ވިޔަފާރިތަކަށް ފަރިތަ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ތައިލެންޑްގެ އިންޓަރނޭޝަނަލް ޓްރޭޑް ޕްރޮމޯޝަން އާ، ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމް ބާއްވާފައިވަނީ ދަރުބާރުގޭގައެވެ.

"ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް" އާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުމްތާޒް ވިދާޅުވީ މި ފޯރަމްގެ ތެރެއިން ރާއްޖޭގެ ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށެވެ.

މި ފޯރަމްގެ ތެރެއިން ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑުގެ ވިޔަފާރިވެރިންނާ ބައްދަލުކޮށް ވަހަކަދެއްކުމުގެ ފުރުސަތު ލިބިގެންގޮސްފައިވާކަމަށް މުމްތާޒް ވިދާޅުވިއެވެ.

"ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް" ގެ ތިންވަނަ ބައްދަލުވުމުގައި ތައިލެންޑްގެ 22 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ކާބޯތަކެތި އެކްސްޕޯޓްކުރާ ކުންފުނިތަކާއި، އިމާރާތްކުރުމަށް ބެނުންވާ ސާމާނާއި، ރީތިވުމަށް ބޭނުންވާ ސާމާނު ސަޕްލައިކުރާ ކުންފުނިތައް ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަހަރުގެ ތެރޭގައި ދެފަހަރެއްގެ މަތިން ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިހާތަނަށް ބޭއްވި ދެ ފޯރަމްގެ ތެރެއިން ތައިލެންޑްގެ އެކި އުފެއްދުންތައް އުފައްދާ 400 އާ ގާތްކުރާ އަދަދެއްގެ ކުންފުނި ރާއްޖެ ގެނެވިފައިވާކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެއެވެ.