ކުޅިވަރު

ފަސޭހައިން ޕޮލިސް ބަލިކޮށް، ތިންވަނަ ސިފައިންނަށް


މެޗުގެ އެއްވެސް ހިސާބެއްގައި ލީޑް ގެއްލުވާ ނުލާ، ޕޮލިސް ބަލިކޮށް ދިވެހި ސިފައިންގެ ކްލަބް ވޮލީބޯޅަ އެސޯސިއޭޝަންކަޕްގެ ތިންވަނަ ހޯދައިފިއެވެ. 

މުބާރާތުގެ ތިންވަނަ ކަނޑައެޅުމަށް ރޭ ކުޅުނު މެޗު ދިވެހި ސިފައިންގެ ކްލަބް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓް ސިފައިން ގެންދިޔައީ ފަންސަވީސް ނަވާރައިންނެވެ. ދެވަނަ ސެޓް ފަށައިގެން ފުރަތަމަ ނުވަ ޕޮއިންޓްވެސް ހޯދީ ސިފައިންނެވެ. މިސެޓްގައި ޢާއްމުކޮށް ސިފައިން ކުޅެމުންދިޔައީ ދިހަ ޕޮއިންޓްގެ ލީޑަކާއެކުއެވެ. ސެޓް ސިފައިން ނިންމީ ފަންސަވީސް ބާރައިންނެވެ. ތިންވަނަ ސެޓް ފަށައިގެން ޕޮލިހުން ވާންކޮށް، ދެފަހަރެއްގެ މަތީން ޕޮއިންޓް އެއްވަރުކުރި ނަމަވެސް ސިފައިން ވަނީ މަޑުމަޑުން ލީޑް ފުޅާކޮށް ފަންސަވީސް ސަތާރައިން ސެޓް ނިންމާފައެވެ.

 މެޗުގެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ ޖެނިތާއެވެ. މުބާރާތުގެ ތިންވަނަ ހޯދި ސިފައިންގެ ކްލަބަށް ރޭގެ މެޗަށްފަހު ވަނީ މެޑަލް ދީފައެވެ. ފައިނަލްގައި މިރޭ ވާދަކުރާނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި، ސީލައިފެވެ. މިދެޓީމް ކުރިން ކުޅުން މެޗު ކާމިޔާބުކުރީ ސީލައިފެވެ.