ވިޔަފާރި

މާރުކޭޓުގެ ގޮޅިތައް ޤަވާއިދާ ޚިލާފަށް ކުއްޔަށްދޭތީ ފިޔަވަޅުއަޅަނީ


މާލޭ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަށް ދޫކޮށްފައިވާ ފަރާތްތަކުން އެތަންތަން ތިންވަނަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާކަން ފާހަގަ ކުރެވިފައިވާތީ، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މީގެއިތުރުން މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާ ތައް ހިންގާ ބައެއް ފަރާތްތަކުންވެސް އެހެން ފަރާތްތަކަށް އެތަކެތި ކުއްޔަށް ދޫކޮށްފައި ހުރުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ އެފަރާތްތަކާއި މެދުވެސް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

މާލެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކާއި މާލެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ގާޑިޔާ ތަކުގައި ބިދޭސީން ސޭޓުންގެ ގޮތުގައި ތިބުމަކީވެސް ޤަވާއިދާ ޚިލާފް ކަމެއް ކަމަށާއި، އެފަދަ ފަރާތްތަކާއި މެދުވެސް ފިޔަވަޅު އެޅުމަށް ހައުސިން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެހެންކަމުން އެފަރާތްތަކުން މިކަންތައްތައް ސެޕްޓެމްބަރުމަހުގެ ސައްބީހުން ފެށިގެން 2 ދުވަސްތެރޭގައި އިސްލާޙް ކުރަން ޖެހޭނެ ކަމަށާއި މިކަންކަން އިސްލާޙް ނުކުރާ ފަރާތްތަކާއިމެދު "މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލު"ގެ ދަށުން އެފަރާތެއް ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު، ކުއްޔަށް ދޫކޮށްފައިވާ ފަރާތުގެ ކިބައިން، ކުއްޔަށް ދޫކޮށްފައިވާ ތަން މިނިސްޓްރީއަށް ނަގާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއވެެ.