ކުޅިވަރު

ކަލާރސް އެވޯޑް ޓީޓީ ޗެމްޕިއަން ރަފާއަށް


"މައިލޯ ކަލާރސް އެވޯޑް" ޒުވާން ޓީޓީ ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް ހޯދައިފިއެވެ. 

ސީނިއަރ ޤައުމީ ޓީޓީ ޓީމްގެ މުޙިއްމު ކުޅުންތެރިޔާއަށް އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ.އައިޝަތު ޝިހާމްއެވެ. ޤައުމީ ޗެމްޕިއަންކަން މުއީނާ މުޙައްމަދު އަތުން އަތުލާ، ޖޫނިއަރ މުބާރާތްތަކުން ރާއްޖެއިން ބޭރުން މެޑަލް ހޯދަމުން އަންނަ ކުޅުންތެރިޔާއަށް މިދިޔަ އަހަރަކީ ކާމިޔާބު އަހަރެކެވެ. އިސްކަންދަރު ސްކޫލްގެ ދަރިވަރު ވަނީ ސްކޫލް މުބާރާތްތަކުގައިވެސް ބޮޑަތި ކާމިޔާބީތަކެއް ހޯދާފައެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވަނީ ކުޅިވަރުގެ އެކިއެކި ދާއިރާއިން ކުރިއެރުން ހޯދަމުން އަންނަ ދަރިވަރުންގެ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބެއްކަމަށް އެކަމަނާ ފާހަގަކުރެއްވީ އަދުގެ ސަރުކާރުން ތައާރަފް ކުރި މައިލޯ ކަލާރސް އެވޯޑާއި ސްކޮލަޝިޕްތަކެވެ. 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މި އެވޯޑް ހާސިލް ކުރާ ދަރިވަރުންގެ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރު އެވޯޑް ހާސިލްކުރި ކުދިންގެ ނިސްބަތް ސަތާރަ އިންސައްތަ އިތުރުވެފައި ވާއިރު  މިއީ 2014 ވަނަ އަހަރާ އަޅާ ބަލާއިރު ތިރީސް އިންސައްތައިގެ ކުރިއެރުމެއްކަމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ކުޅިވަރުގެ އެކި ރޮނގުރޮނގުން ޖުމްލަ 169 ދަރިވަރަކު ވަނީ އެވޯޑް ހާސިލް ކޮށްފައެވެ. މައިލޯ ކަލާރސް އެވޯޑަށް ހޮވުނު އައިޝަތު ރަފާ އަށް ނިމިގެން ދިޔަ އަހަރަކީ ސީނިއަރ ލެވެލްގައިވެސް ވަރަށް ކާމިޔާބު އަހަރެކެވެ. އެންމެ 13 އަހަރުގައި ސީނިއާ ލެވެލްގައި ވާދަކޮށް، ރަފާ ވަނީ މިދިޔަ އަހަރުގެ ގައުމީ ޓީޓީ މުބާރާތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެ ކާމިޔާބީތަކާއެކު ރަފާ ވެގެންދިޔައީ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާއަށެވެ. ކަލާސް އެވޯޑުގެ އިތުރުން ރަފާ ވަނީ އައުޓްސްޓޭންޑިން އެވޯޑާއި ހާއްސަ އެވޯޑު އަދި 14 އަހަރުންދަށުގެ ވިނާސް އެވޯޑު ވެސް ހޯދާފައެވެ. 

ރޭގެ ރަސްމިއްޔާތުގައި އެކި އުމުރު ފުރާތަކުން ރަނާސް އެވޯޑާއި ވިނާސް އެވޯޑުވެސް ވަނީ ދީފައެވެ. އޭގެ އިތުރުން 19 ދަރިވަރަކު ހާއްސަ އެވޯޑު ހާސިލް ކޮށްފައިވާއިރު ހަތަރު ދަރިވަރަކު އައުޓްސްޓޭންޑިން އެވޯޑު ހާސިލް ކުރިއެވެ. އަދި ސަރުކާރުން ދޭ ސްޕޯރޓްސް ސްކޮލަޝިޕް، މިއަހަރު ވެސް 11 ދަރިވަރަކު ހާސިލްކުރިއެވެ. އައުޓްސްޓޭންޑިން އެވޯޑް ހާސިލްކުރި ދަރިވަރުންނަކީ އެތްލެޓިކްސްއިން ޖަލާލުއްދީން ސްކޫލްގެ ނަޝާ ނިޒާރު، ސްވިމިންގ އިން ސީއެޗްއެސްސީގެ މުހައްމަދު ނަޒްރާން ނަޒީރު، ޓީޓީން  އައިޝަތު ރަފާ ނާޒިމް (ޓީޓީ) އަދި، އަމީނިއްޔާ ސްކޫލްގެ ލައިޝާ ފަތުހުﷲ އިސްމާއިލްއެވެ.