ތަޢުލީމު

ސްޕޯޓްސް ސްކޯލަރޝިޕާއެކު ދަރިވަރުންނަށް އިތުރު ފުރުޞަތުތަކެއް


ސްޕޯޓްސް ސްކޯލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި ތަމްރީނުވަމުން ދާ ދަރިވަރުންނަށް އިތުރު ދާއިރާތަކުން މަތީތަޢުލީމް ހާސިލްކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ލޯން ސްކީމެއްގެ ފުރުޞަތު ހަމަޖައްސާ ދެއްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މައިލޯ ކަލާރސް އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝީހާމް ވިދާޅުވީ ވޭތުވެދިޔަ އަހަރަށްވުރެ މިއަހަރު ކަލާރސް އެވޯޑް ހޯދި ދަރިވަރުންގެ ނިސްބަތް ސަތާރަ އިންސައްތަ އިތުރުވެފައިވާކަމަށެވެ. އަދި ދެހާސް ސާދަވަނަ އަހަރާއި އަޅާ ބަލާއިރު، މިއަހަރު މި އެވޯޑް ޙާސިލު ކުރާ ދަރިވަރުންގެ ނިސްބަތް 30 އިންސައްތަ އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި އަހަރު ސްޕޯޓްސް ސްކޮލަޝިޕް 11 ދަރިވަރުންނަށް ލިބިފައިވާކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ، ކަލަރސް އެވޯޑުގެ އިތުރުން، ކުޅިވަރުގެ ރޮނގުން އާދަޔާޚިލާފު މޮޅު ހުނަރު ހުރި ދަރިވަރުންނަށް އިތުރު ފުރުޞަތެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވާ މަސައްކަތްޕުޅު ފާހަގަކުރައްވާފައެވެ. އެގޮތުން މި މަސައްކަތުގެ ދަށުން ފެންވަރު ރަނގަޅު ކޯޗުންގެ ގާތުން ތަމްރީނު ހޯދުމުގެ ފުރުޞަތު ތަނަވަސްކޮށްދީ، ސްޕޯޓްސް ސްކޮލަރޝިޕްގެ ދަށުން ރަށްރަށުގެ ސްކޫލްތަކުން މާލެ ގެނެސް ފެންވަރު ރަނގަޅު ކޯޗުންގެ އިރުޝާދާއެކު ނަވާރަ ދަރިވަރަކު ތަމްރީނުވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ފެންވަރު ރަނގަޅު ކޯޗުންގެ އިރުޝާދާއެކު ތަމްރީނު ލިބެމުންދާ 19 ދަރިވަރުން އެބަތިބި.. މީގެ ތެރެއިން 4 ދަރިވަރުން ތަމްރީނުވަމުން ދަނީ ރާއްޖެއިން ބޭރުގެ ތަފާތު ޤައުމުތަކުގައި... އެގޮތުން ރާއްޖެއިން ބޭރުން ތަމްރީނުވުމުގެ ފުރުޞަތު ލިބޭ ދަރިވަރުންނަށްވެސް މާލެއަށް ބަދަލުކުރެވޭ ދަރިވަރުންނެކޭ އެއްފަދައިން މި ސްކޮލަރޝިޕްގެ ދަށުން އުނގެނުމުގެ ހުރިހާ ޚަރަދެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދެމުން ގެންދާ ކަން ފާހަގަކޮށްލަން.  އަދި މިގޮތަށް ރާއްޖެއިން ބޭރުގައި ތިބޭ ދަރިވަރުންގެ ތެރެއިން  މަތީ ތަޢުލީމަށް ޙާސިލު ކުރުމަށް ބޭނުންވާ ދަރިވަރުންނަށް ލޯނު ސްކީމްގެ ތެރެއިން ކިޔެވުމުގެ އިންތިޒާމުތައް މިހާރު ފެށިފައިވާކަން އުފަލާއެކު ފާހަގަ ކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުންގެ ހުނަރު އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު މީގެ ކުރިން އެންމެ އެދެވޭ ގޮތުގައި ލިބިފައިނުވާކަމަށެވެ. އެހެންނަމަވެސް މިއަދު ހުނަރުވެރި ދަރިވަރުން ފާހަގަކޮށް އެދަރިވަރުންގެ ހުނަރު ތަރައްޤީ ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، ކުޅިވަރު ކުޅެވޭނެ މަގު ފަހިކޮށްދެވެމުންދާކަމަށެވެ. އަދި މިއީ ކުޅިވަރުގެ ރޮނގުން ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމަށް ރީތި ނަން ހޯއްދައިދޭނެ ޖީލެއް ބިނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވާފައިވާ މަސައްކަތްޕުޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ސްކޫލްތަކުގެ ދަރިވަރުންގެ ތެރޭގައި ތިބި ކުޅިވަރުގެ ހުނަރުވެރި ދަރިވަރުން އެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަންކޮށް އެ ދަރިވަރުންނަށް ހިތްވަރު ދިނުމަށް ސަރުކާރުންގެ ފަރާތުން ދެވޭ ކަލަރސް އެވާރޑުގެ ސަބަބުންނާއި ސްޕޯޓްސް ސްކޮލަރޝިޕްގެ ސަބަބުން ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ކުޅިވަރަށް ދެވެމުން އައި ޝައުޤުވެރިކަން ވަނީ ވަރަށްވެސް ބޮޑަށް އިތުރުވެފައިކަން ފާހަގަކުރެވޭ. އެހެނީ ސްކޫލްތަކަށް ޢަމާޒުކުރެވިގެން ބާއްވާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންގެ ޢަދަދު އިތުރުވެގެން ދިޔުން އެއީ އެކަމަށް ދަލީލު ކުރާ އަލިގަދަ ހެއްކެއް... ޚާއްސަކޮށް އެތުލެޓިކްސް، ސްވިމިންގް، ފުޓުބޯޅަ، ބެޑްމިންޓަން ފަދަ ކުޅިވަރުތަކުގައި ބައިވެރިވާ ދަރިވަރުންގެ ޢަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން ދާކަން ވަރަށް ބޮޑަށް ވަނީ ފާހަގަކުރެވިފައި. އަދި ދަރިވަރުންގެ ޢަދަދު އިތުރުވުމާއެކު، އެދަރިވަރުންގެ ހުނަރުވެސް އެތައް ގޮތަކުން ތަރައްޤީވަމުން ދާކަން ވާނީ ފާހަގަކުރެވިފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ކަލާސް އެވޯޑް ސަތޭކަ ފަސްދޮޅަސް ނުވަ ދަރިވަރަކު ވަނީ ހާސިލްކޮށްފައެވެ. މިއީ މިދިޔައަހަރާއަޅާ ބަލާއިރު ސަތާރަ އިންސައްތަ އިތުރުއަދަދެކެވެ.

ކަލަރސް އެވޯޑަކީ، ރާއްޖޭގެ ސްކޫލްތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން، ދިރާސީ އަހަރުގެ ތެރޭގައި ވާދަކުރާ އެކިއެކި ކުޅިވަރު މުބާރާތްތަކުން ހޯދާފައިވާ ރަންވަނަތައް ޤައުމީ ފެންވަރެއްގައި ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކޮށް "މާދަމާގެ ބަޠަލުން މިއަދު ފާހަގަކޮށް" އެދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސްނެންގެވުމާއެކު، 2014 ވަނަ އަހަރު މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފުކޮށްފައިވާ އެވޯޑެއް.