ޚަބަރު

މެމްބަރުންނަށް ކުރާ ދައުވާ - ވަކީލަކު އައްޔަންކުރުމަށް 10 ދުވަސް


ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަށް ޖަވާބުދާރީވުމަށް ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތު ކުރިމިނަލް ކޯޓުން ދީފިއެވެ.

ދައުލަތުން ދައުވާ ކުރާ މެމްބަރުންނަކީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު ޢަބްދުﷲ ޝާހިދާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުލް ކަރީމާއި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުޙައްމަދު ފަލާހާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ދީދީއާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސާލީހާއި ކެންދޫ ދާއިރާގެ މެމްވަރު ޢަލީ ޙުސެއިނާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ޙުސެއިން އަރީފްއެވެ. އަދި މީގެއިތުރުން ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދް އިބްރާހިމްއާއި ވިލިނގިލީ ދާއިރާގެ ކުރީގެ މެމްބަރު ސައުދު ޙުސެއިންއާއި މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އަމީތުގެ މައްޗަށްވެސް ދައުލަތުން ދައުވާކޮށްފައިވެއެވެ.

މި 12 މެމްބަރުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސްއެޅިކަމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގައި ބުނެފައިވަނީ މިދިޔަ ޖުލައި މަހުގެ ސައުވީސްވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ހުންނަ ސަރަހައްދު ފުލުހުން ބަންދުކޮށްފައިވަނިކޮށް ފުލުހުންގެ ސަފުތައް ފޫއަޅުވާލާ އެ ސަރަހައްދަށް ވަދެފައިވާކަމަށެވެ.

މިމައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ ފަނަރަވަނަ ދުވަހު ބާއްވާނެކަން އިއުލާނުކުރުމަށްފަހުއެވެ.