ކުޅިވަރު

ރޮހިންޔާ ފަންޑަށް އެހީވުމަށް ޤައުމީ ޓީމާއި އެފްއޭއެމް ތައްޔާރު


ރޮހިންޔާ ފަންޑަށް އެހީވުމަށް ޤައުމީ ފުޓްބޯޅަ ޓީމްވެސް ބައިވެރިކޮށްގެން އަންނަ ހުކުރު ދުވަހުގެރޭ ޚާއްޞަ މެޗުތަކެއް ކުޅެން އެފްއޭއެމްއިން ތައްޔާރުވެއްޖެއެވެ.

އަންނަ ހުކުރު ދުވަހުގެރޭ ކުޅޭ މެޗުތަކުގައި ސީނިއަރ ޓީމްގެ އިތުރުން ކުރީގެ ކުޅުންތެރިން ހިމެނޭ ވެޓަރެންސް ޓީމަކާއި، މުނިފޫހި ފިލުވުމުގެ ދާއިރާއިން މިޔުޒީޝަނުންނާއި، ފިލްމީ ތަރިންގެ ޓީމެއް ބައިވެރިވާނެއެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި، ވަޒީރުންނާއި، ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުން ހިމެނޭ ޓީމެއްވެސް މިޚާއްޞަ ހަރަކާތުގައި ބައިވެރިވެ މެޗު ކުޅޭނެއެވެ. ކުރިން ކުޅުނު ފަންޑްރައިޒިންގ އިވެންޓްތަކާއި، މިފަހަރު މެޗުތައް ވަރަށް ބޮޑަށް ތަފާތުވެފައި، ފައިސާ ހަދިޔާ ކުރުމަށް ތަފާތު ފުރުޞަތުތަކެއް ހުޅުވާލާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ބޭނުން ކޮންމެ މީހަކަށް މެޗުގައި ކުޅުމުގެ ފުރުޞަތު ދިނުމާއި، މެޗު ތެރެއިން ސެލްފީ ނެގުމުގެ ފުރުޞަތު ދިނުން ހިމެނެއެވެ. ޚާއްޞަކޮށް ޤައުމީ ޓީމްގެ ކެޕްޓަންކަން ކުރުމުގެ ފުރުޞަތު ހިމެނޭކަން ބައްސާމް ފާހަގަކުރެއްވިއެވެ.

" ދެހާސް ރުފިޔާއަށް މެޗުގައި ދިހަ މިނިޓް ކުޅުމުގެ ފުރުޞަތު ހަމަ ކޮންމެ މީހަކަށްވެސް ލިބޭނެ. މެޗުތެރެއިން ކުޅުންތެރިންނާއެކު ސެލްފީ ނެގުމުގެ ފުރުޞަތުވެސް ލިބޭނެ. ފައިސާ ދީގެން މިފުރުޞަތު ހޯދާ ފަރާތްތަކުން ދަނޑު މައްޗަށް އަރާ ސެލްފީ ނެގުމަށް މެޗު ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑާލާނެ. އެންމެ ޚާއްޞަ ކަމަކީ ޤައުމީ ޓީމްގެ ކެޕްޓަންކަން ކުރުމުގެ ފުރުޞަތު. ފަންޑަށް ފައިސާ ހަދިޔާކޮށްގެން ކެޕްޓަންކަން ކުރުމުގެ ފުރުޞަތު ލިބޭނެ. ކެޕްޓަން އަޝްފާޤު އައިސް ބޭންޑް އަޅުވާލަދޭނެ " ބައްސާމް ވިދާޅުވިއެވެ.

މީގެއިތުރުން ޢާއްމުކޮށް އެހެން ޓެލެތޯންތަކުގައިވެސް އޮންނަ ޖަރޒީ ވިއްކުމުގެ ބައި އޮންނާނެއެވެ. ޖަރޒީ ވިއްކަން ހަމަޖައްސާފައިވަނީ 500 ރުފިޔާއަށެވެ. މެޗު ބަލަން ދަނޑަށް ވަނުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލާފައިވަނީ ހިލެއެވެ. ނަމަވެސް ދަނޑުގެ އެކި ހިސާބުތަކުގައި ފަންޑް ފޮށިތައް ބަހައްޓާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.

" ދަނޑަށް ވަނުމުގެ ފުރުޞަތު މިއޮތީ ހިލޭ. ޓިކެޓް ގަންނަން ހޭދަކުރުމުގެ ބަދަލުގައި އެފައިސާވެސް ފަންޑްފޮށްޓަށް ވައްޓާލުމުގެ ފުރުޞަތު މިދެނީ " ބައްސާމް ވިދާޅުވިއެވެ. 

މީގެއިތުރުންވެސް ޕެނަލްޓީ ކާރޑް ހޯދައިގެން މެޗުގައި ޕެނަލްޓީ ޖެހުންފަދަ ފުރުޞަތުތަކެއްވެސް އޮންނާނެކަމަށް ބައްސާމް ވިދާޅުވިއެވެ. މެޗުތައް ކުޅޭނީ އަންނަ ހުކުރު ދުވަހުގެރޭ 8:30 ން 11 އަށް ރަސްމީ ސްޓޭޑިއަމްގައެވެ.