ޚަބަރު

އުރީދޫން "މަގޭ ޕްލޭން" ތަޢާރަފްކޮށްފި


ކަސްޓަމަރުން ބޭނުންވާ ގޮތަކަށް މޯބައިލް ޕްލޭން ޑިޒައިންކުރެވޭ ޚިދުމަތެއް އުރީދޫން ތަޢާރަފްކޮށްފިއެވެ. 

"މަގޭ ޕްލޭން" ގެ ނަމުގައި އުރީދޫން ތަޢާރަފްކުރި މި ޚިދުމަތުގައި އަމިއްލަ ބޭނުންތަކަށް އެންމެ އެކަށޭނެ ގޮތަށް ޑޭޓާ، ކޯލް، އެސްއެމްއެސް އަދި އައިޑީޑީގެ ޚިދުމަތް ޙިޔާރުކުރެވެއެވެ. އުރީދޫން ތަޢާރަފްކުރި މި ޚިދުމަތާއި ބެހޭގޮތުން ވާހަކަދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް އިތުރު ފަސޭހަތަކާއި، ފުރުސަތުތައް ފޯރުކޮށްދިނުމަކީ އުރީދޫގެ އަމާޒެއްކަމަށެވެ. އަދި މުއާސަލާތީ ޚިދުމަތް ހޯދުމުގައި ކުރިން ނުލިބޭފަދަ ފަސޭހަތަކެއް މަގޭ ޕްލޭންގެ އެހީގައި ލިބިގެންދާނެކަމަށެވެ.

މައި އުރީދޫ ޕޯޓަލް މެދުވެރިކޮށް މަގޭ ޕްލޭންގެ ޚިދުމަތް ލިބޭނެކަމަށް އުރީދޫން ބުނެއެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް މި ޚިދުމަތް ލިބޭނެއެވެ. މައި ޕްލޭންގެ އިތުރުން މިމަހުގެ ތެރޭގައި އުރީދޫންވަނީ ފޭސްބުކް މެސެންޖަރ ބޭނުންކޮށްގެން އުރީދޫއާއި ބެހޭ ތަފާތު މަޢުލޫމާތާއި، ޚިދުމަތް ލިބޭނެ ޑިޖިޓަލް އެންގޭޖްމަންޓް ޕްލެޓްފޯމް "އުރީދޫ ނެކްސްޓް" ގެ ޚިދުމަތް ތަޢާރަފްކޮށްފައެވެ.