ކުޅިވަރު

ވައި18 ސްޕޯރޓްސް ފިއެސްޓާގައި ބައިވެރިވާން އިތުރު ފުރުޞަތެއް


ވައި އެއިޓީން ސްޕޯރޓްސް ފިއެސްޓާގައި ބައިވެރިވުމުގެ މުއްދަތު އަންނަ މަހުގެ ދިހަވަނަ ދުވަހަށް އިތުރުކޮށްފިއެވެ. 

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ކުޅިވަރު ފިއެސްޓާގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރީ ގިނަ ރަށްތަކަކުން މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ އެކަމަށް ފުރުސަތު ދިނުމުގެ ގޮތުންކަމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީން މައުލޫމާތުދެއްވައެވެ. ފުރަތަމަ ކަނޑައެޅި މުއްދަތަށްވެސް އެކަށީގެންވާ އަދަދަކަށް ޓީމްތައް ބައިވެރިވާން އެދިފައިވާކަމަށާއި، އިތުރު ޓީމްތަކުން ބައިވެރިވާން އެދޭތީ އެފުރުޞަތު ދިނީކަމަށް ކޮމިޓީގެ ފަރާތުން މުޙައްމަދު ޝާފީ ވިދާޅުވިއެވެ.

" ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަނީ. އެންމެ އެދެވޭގޮތަށް ޕްރޮމޯޓް ނުކުރެވުމުން ބައެއް ފަރާތްތަކަށް މައުލޫމާތު އެކަށީގެންވާ ގޮތަށް ލިބިފަވެސް ނެތުމުން މުއްދަތު އިތުރުކުރީ. މިހާރު މުފުޞަތު ހުޅުވާލާފަ މިއޮތީ ޓީމްތައް ރަޖިސްޓްރީކުރަން. އަދި ފަހުން ކުޅުންތެރިން ރަޖިސްޓްރީކުރަން ފުރުޞަތު ހުޅުވާލާނަން " ޝާފީ ވިދާޅުވިއެވެ.މިމަހުގެ 25 ވަނަ ދުވަހަށް ފުރަތަމަ ދިން ފުރުޞަތު ހަމަވިއިރުވެސް ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ސަތޭކައަށްވުރެ ގިނަ ޓީމް ހުށައަޅާފައިވާކަމަށް އޮގަނައިޒިންގ ކޮމިޓީގެ މެމްބަރު އަދި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ޠޮލާލް ވިދާޅުވިއެވެ. އަދި އެމުއްދަތު ހަމަވިއިރު ވޮލީ މުބާރާތުގައި ބައިވެރިވުމަށްވެސް ފަންސާހަށްވުރެ ގިނަ ޓީމުން ހުށައަޅާފައިވެއެވެ.

މުބާރާތުގައި ވާދަކުރާ ޓީމްތަކަށް މާލީ ގޮތުން އެހީތެރިކަންވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ބުރު ނުވަތަ އަތޮޅު މުބާރާތަށް ތައްޔާރުވާންވެސް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން ހޯމް ކިޓާއި އަވޭ ޖަރޒީ ކިޓްވެސް މުބާރާތް އިންތިޒާމް ކުރާ ފަރާތުން ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މުބާރާތުގައި ބައިވެރިވެވޭނީ ކޮންމެ ކުޅިވަރެއްގައިވެސް ރަށަކުން ޓީމަކަށެވެ. ފިއެސްޓާގައި ހިމެނޭ ފުޓްސަލް ޚާއްޞަކޮށްފައިވަނީ ފިރިހެނުންނަށެވެ. އަދި ވޮލީ އަމާޒުކޮށްފައިވަނީ އަންހެނުންނަށެވެ. މިއީ ޕީޕީއެމްއިން ބާއްވާ މުބާރާތެކެވެ.