ތަޢުލީމު

ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް ފަށައިފި


ކީރިތި ޤުރުއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް ފަށައިފިއެވެ. 

ހަތަރު ދުވަހުގެ މުއްދަތަށް ކިޔެވުމުގެ ބައި ކުރިއަށް ގެންދިއުމަށް ރާވާފައިވާއިރު މި ފަހަރުގެ މުބާރާތުގައި 255 ބައިވެރިން ވާދަކުރެއެވެ.

ރަށްރަށުގެ ކައުންސިލްތަކާއި، ޖަމިއްޔާތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ދެ ބަޔަކަށް ބަހާލައިގެނެވެ. މި މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފީގައި ފަސްދޮޅަސް ބައިވެރިން ވާދަކުރެއެވެ. އަދި ބަލައިގެން ކިޔެވުމުގެ ބައިގައި ސަތޭކަ އަށްޑިހަ ނުވަ ބައިވެރިން ކިޔެވުމަށް ހަމަޖެހިފައިވެއެވެ.

މި ފަހަރުގެ މުބާރާތަށް އިންސާފުކުރާނީ 6 ފަނޑިޔާރުންގެ ޕެނަލަކުންނެވެ. މުބާރާތުގެ ކިޔެއްވުން ކުރިޔަށްދަނީ ފަސް ދަންފަޅިއަކަށް ބަހާލައިގެނެވެ.

މި ފަހަރުގެ މުބާރާތުން ވަނަ ހާސިލުކުރާ ފަރާތްތަކަށްވެސް ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެކަމަށް ޤުރުއާނާބެހޭ މަރުކަޒުން މަޢުލޫމާތުދެއެވެ. ޤުރުޢާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ކީރިތި ޤުރުއާންގެ އިލްމު ރާއްޖޭގައި ފަތުރާ ކީރިތި ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.