ވިޔަފާރި

އެސް.އެމް.އީ ލޯނަށް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި


ކުދިވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އިކޮނޮމިކް މިނިސްޓްރީން ހުޅުވާލި، އެސް.އެމް.އީ ލޯނަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އަންނަ އޮކްޓޯބަރުމަހުގެ ހަތަރުވަނަދުވަހަށް އިތުރުކޮށްފިއެވެ.

ހުސްވި އޮގަސްޓަމަހުގެ ތޭވީސްވަނަ ދުވަހު ހުޅުވާލި މި ލޯނުސްކީމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ނިންމީ ގިނަ ބައެއްގެ އެދުމުގެމަތިންކަމަށް ގެޓްސެޓް ލޯނުގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވިއެވެ. ލޯނަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ކުރިން ދީފައިވާ އެންމެ ފަހު ތާރީހަކީ މިހިނގާ ސެޕްޓެމްބަރުމަހުގެ ހަތާވީސްވަނަ ދުވަހެވެ. މިފަހަރުގެ އެސް.އެމް.އީ ލޯނަށް ކަނޑައަޅާފައިވާ ޢަދަދަކީ، 38 މިލިއަން ރުފިޔާ. މިފަހަރުގެ ލޯން ސްކީމަށްވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަކަމަށް މަހީލް ވިދާޅުވިއެވެ.

8 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ އެސް.އެމް.އީ ލޯން ސްކީމްގައި ޒުވާނުންނާއި، އަންހެނުންގެ އިތުރުން ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް މިފަހަރު ޚާއްސަ އިސްކަމެއް ދޭނޭކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 

އެސް.އެމް.އީ ލޯނަކީ ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް ޝަޢުޤުވެރިވާ ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިގެން، އެއްވެސް ރަހުނެއް ނެތި، ކުޑަ އިންޓްރެސްޓް ރޭޓަކާއިއެކު ސަރުކާރުން ކުރިއަށްގެންދާ ލޯން ސްކީމެކެވެ. މި ލޯން ސަރުކާރަށް އަނބުރާ ދެއްކުމަށް 9 އަހަރުގެ މުއްދަތެއް ލިބެއެވެ.