ޚަބަރު

ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް ފަށަނީ


ތައިލެންޑާއި ރާއްޖެއާއި ދެޤައުމުގެ ދެމެދުގައި ފަށާ "ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް" ގެ ތިންވަނަ ބައްދަލުވުން މިމަހުގެ އަށާވީސްވާ ބުރާސްފަތިދުވަހު ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ، މި ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިވެރިންނަށް ހުޅުވާލާފައެވެ. މިކަމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވީ، އަންނަ ބުރާސްފަތިދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމްގައި ތައިލެންޑްގެ ސައްބީސް ވިޔަފާރިއަކުން ބައިވެރިވާނޭކަމަށެވެ. 

މިފަހަރުގެ ފޯރަމްގައިވެސް ކާބޯތަކެތީގެ އެކްސްޕޯޓްކުރާ ކުންފުނިތަކުގެ އިތުރުންވެސް ތަފާތު ވިޔަފާރިތައްކުރާ ސަޕްލައިޔަރުން ބައިވެރިވާނޭކަމަށް އާދަމް ތައުފީޤް ވިދާޅުވިއެވެ.

މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ ރާއްޖޭގެ ވިޔަފާރިތަކަކީ ތައިލެންޑްގެ ވިޔަފާރިތަކަށް ފަރިތަ ބަޔަކަށް ހެދުމެވެ. ތަފާތުއެކި ބާވަތްތަކުގެ މުދާ ތައިލެންޑުން ރާއްޖެއަށް އެތެރެކުރަމުންދާއިރު، މިފަދަ ފޯރަމެއްގައި މުދާ އެތެރެކުރާ ފަރާތްތަކުން ބައިވެރިވުމުގެ މުހިއްމުކަން ބޮޑުކަމަށް އެކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީޤް ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަހަރުގެ ތެރޭގައި ދެފަހަރެއްގެ މަތިން ތައިލެންޑް މޯލްޑިވްސް ބިޒްނަސް މެޗިންގ ފޯރަމް ކުރިއަށްގެންގޮސްފައެވެ. މިހާތަނަށް ބޭއްވި ދެ ފޯރަމް ވަރަށް ކާމިޔާބުކަމަށް އެކޮނޮމިކް މިނިސްޓްރީން ބުނެއެވެ. 

ތައިލެންޑްގެ އިންޓަރނޭޝަނަލް ޓްރޭޑް ޕްރޮމޯޝަން އާ ގުޅިގެން އެޤައުމުގެ ވިޔަފާރިންވެރިން ބައިވެރިވާ މި ބައްދަލުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އެއްދުވަހުގެ ނިޔަލަށެވެ.