ޚަބަރު

އައިޔޫއެމްއިން ބޭއްވި ބައިނަލްއަޤްވާމީ މަހާސިންތާ ނިންމާލައިފި


އިސްލާމީ ހޭލުންތެރިކަމާބެހޭ ގޮތުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން އިންތިޒާމް ކޮށްގެން ބޭއްވި ބައިނަލްއަޤްވާމީ މަހާސިންތާ ނިންމާލުމަށްފަހު ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.

އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިސްލާމިކް އަވޭކްނިންގ 2017 ނަމުގައި ބޭއްވި މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ ތޭވީހުން ސައުވީސްގެ ނިޔަލަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. މަހާސިންތާ ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހީމް ޒަކަރިއްޔާ ވިދާޅުވީ، މި ކޮންފަރެންސްގެ ކާމިޔާބީއަށް ބެލުމަށްފަހު ކުރިއަށް އޮތްތާނގައި މިފަދަ އެހެން ކޮންފަރެންސްތައް ބޭއްވުމަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި މަހާސިންތާގައި ރާއްޖެއާއި ދުނިޔޭގެ އެކި ޤައުމުތަކުން އިސްލާމިކް ފައިނޭންސްގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެ މަޢުލޫމާތުދީ ދިރާސާ ކަރުދާސް ހުށައަޅާފައިވެއެވެ. އޭގެ ތެރޭގައި އުރުދުން، މެލޭޝިއާ، ޕާކިސްތާން، ސޫދާން، މިސްރު ފަލަސްތީންގެ ބޭފުޅުން ހިމެނެއެވެ.

މި މަހަސިންތާގައި ރާއްޖޭގެ ބޭންކިންގ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، އިސްލާމީ ފައިނޭންސް ކިޔަވާ ދަރިވަރުންނާއި، މިދާއިރާއަށް ޝައުގުވެރިވާ އަދި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވިއެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް މުއައްސަސާތަކުންވެސް ދިރާސާ ކަރުދާސް ހުށަހަޅާ މަޝްވަރާ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޙައްޖު ކޯޕަރޭޝަނާއި، އިސްލާމިކް މިނިސްޓްރީއާއި، ޤައުމީ ޔުނިވާސިޓީއާއި، އެންޓި ކޮރަޕްޝަން ކޮމިޝަން ހިމެނެއެވެ.