ވިޔަފާރި

ޒުވާނުނަށް އާމްދަނީ ހޯދުމުގެ މަގުފަހިކޮށްދިނީ މިސަރުކާރުން


ޒުވާނުނަށް އާމްދަނީ ހޯދުމުގެ މަގު މީގެކުރިން އެއްވެސް ސަރުކާރެއްގައި، ފަހިނުވާ މިންވަރަށް ރައީސް ޔާމިނުގެ ސަރުކާރުގައި ފަހިވެފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަޢީދު މިހެން ވިދާޅުވެފައިވަނީ، އެއްހާސް ފޮޓޯގްރާފަރުން ތަމްރީނު ކުރުމަށް ސަރުކާރުން ފެށްޓެވި ޕްރޮގްރާމްގެ ދެވަނަބުރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހި ޒުވާނުން ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުޙަންމަދު ސައީދު ވިދާޅުވީ، ޒުވާނުނަށް އާމްދަނީ ހޯދައިދިނުމަށް ރައީސް ޔާމީން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން މިއަދު އެކި ދާއިރާތަކުން ވަރަށް ފުޅާދާއިރާއެއްގައި ޒުވާނުނަށް އާމްދަނީ ހޯދުމުގެ މަގުފަހިވެފައިވާކަމަށެވެ. މިގޮތުން ޓޫރިޒަމް ދާއިރާގެ ފޮޓޯ ގްރަފީގެ މަސައްކަތްތައް ހަމައެކަނި ދިވެހިންނަށް ޚާއްސަކުރުމުން އެކަމުގެ މަންފާ މިއަދު ދިވެހި ޒުވާނުނަށް ލިބިގެންދާކަން މިނިސްޓަރ ސައީދު ވިދާޅުވިއެވެ. 

މިނިސްޓަރު ސަޢީދު ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދު ފުޅާވެގެންދާއިރު، އާމްދަނީ ލިބޭ އެކި ދާއިރާތަކަށް ދިވެހި ޒުވާނުން ނިކުންނަން ޖެހޭކަމަށެވެ. މިގޮތުން މިއީ އެކިއެކި ދާއިރާތަކަށް ޒުވާނުން ނިކުމެ ކުރިއަށްދާންވީ އެންމެ ރަނގަޅު ވަގުތުކަން މިނިސްޓަރު ސަޢީދު ވިދާޅުވިއެވެ. 

ދިވެހި ޒުވާނުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން އަމަލީ މައިދާނުގައި ޒުވާނުން ބާރުވެރިކުރުވާ ރާއްޖެއާއި ރާއްޖެއިން ބޭރުން ޒުވާނުނަށް ވިޔަފާރީގެ ފުރުސަތުތައް ހޯދައިދުނުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކޮށްލެވޭ.