ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ބޭރުފަރުމާކުރުމުގެ މަސައްކަތް ކުރިއަށް!


ވޭތުވެދިޔަ ހަފްތާގެތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮންކްރީޓް މަސައްކަތްތައް ނިންމާފައިވާއިރު، މިހާރުވަނީ ހޮސްޕިޓަލްގެ ބޭރު ފަރުމާކުރުމަށް ޖަހާ ބިއްލޫރި ޖެހުމުގެ މަސައްކަތް ފަށާފައެވެ. 

ހޮސްޕިޓަލްގެ މަސައްކަތްތައް ޓައިމްލައިނަށްވުރެ އެއްމަސްދުވަސް ކުރީގައި އުޅޭކަމަށައި ހޮސްޕިޓަލް ބޭރު ފަރުމާކުރުމުގެ މަސައްކަތް އަންނަ އަހަރު މޭ މަހަށް ނިމޭނެކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. 

ދަރުމަވަންތަ ހޮސްޕިޓަލުގެ މަޝްރޫޢުއަކީ މިހާރު ރާއްޖޭގައި ކުރިއަށްދާ ސިއްޙީ ދާއިރާގެ އެންމެ ބިޔަ މަޝްރޫޢެވެ. ރާއްޖޭގައި ތިބެގެން ރައްޔިތުންނަށް ބޮޑެތި ބަލިތަކަށް، އަގުހެޔޮކޮށް ބޭސްފަރުވާ ކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ސަރުކާރުގެ ޢަމާޒެވެ. މި އަމާޒައް ވާސިލްވުމަށް މިހާރު ކުރިއަށްގެންދާ ދަރުމަވަންތަ ހޮސްޕިޓަލް މަޝްރޫޢުގެ މަސައްކަތްތައް ޓައިމްލައިނަށްވުރެ ކުރިން ނިންމަމުން އަންނަކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮންސްޓަކްޝަން މަސައްކަތްތައް ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ އަންނަ އަހަރު ޖުލައިމަހުގެ ސައްބީސްވަނަ ދުވަހަށް ހޮސްޕިޓަލްގެ މަސައްކަތް ނިންމައި ޚިދުމަތް ފެށުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ހޮސްޕިޓަލަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް ވެގެންދާނެކަމަށެވެ. އަދި ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދުމަށް ދިވެހިން ކުރާ ހޭދަ މި ހޮސްޕިޓަލްގެ ސަބަބުން އެތައް ގުނައަކަށް ކުޑަވެގެންދާނެކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް ބާރު ދުވެލީގައި ކުރިއަށްދާއިރު މިހާރުވަނީ ހޮސްޕިޓަލްގެ ބޭރު ފަރުމާކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުންވަނީ ދަރުމަވަންތަ ހޮސްޕިޓަލް ފަރުމާކުރުމަށް ބޭރުގައި ޖަހާ ބިއްލޫރި ޖެހުމުގެ މަސައްކަތް ފަށާފައެވެ. އައިޖީއެމްއެޗުން މަޢުލޫމާތުދޭގޮތުގައި މި މަސައްކަތްތަކީ ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްދާ މަސައްކަތެއް ކަމަށާއި މި މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އަހަރުގެ މޭ މަހުގެތެރޭގައިކަމަށެވެ. 

ދަރުމަވަންތަ ހޮސްޕިޓަލްގައި މިހާރު ކުރިއަށްދާނީ ޕަރޓިޝަން ވޯލް ޖެހުމުގެ މަސައްކަތާއި، ކަރަންޓް ވަޔަރިންގގެ މަސައްކަތްތަކާއި އަލިފާން ނިއްވާ ނިޒާމުގެ ހޮޅިއެޅުމުގެ މަސައްކަތްތަކާއި މެޑިކަލް ގޭސް ހޮޅިއެޅުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން ޢިމާރާތުގެ ޚިދުމަތައް ބޭނުންވާ މެޝިނަރީއާއި އިކުއިޕްމަންޓްތަކާއި، ފަރުނީޗަރު އޯޑަރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލުން، އައިޖީއެމްއެޗްއިން މިހާރު ލިބޭމުންދާ ޑޮކްޓަރަށް ދެއްކުމުގެ ހުރިހާ ޚިދުމަތަކާއި، އެކިއެކި ބޮޑެތި ބަލަތަކަށް ޓެސްޓްކޮށް ތަހުލީލުކުރުމުގެ ޚިދުމަތާއި، އަދި ޕްރީމިއަމް ހެލްތް ސަރވިސްގެ ޙިދުމަތް ތަޢާރަފް ކުރުމާއި، ސިއްޙީ ދާއިރާއާއި ގުޅުންހުރި މުހިންމު ކޮންފަރެންސްތައް ބޭއްވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފެށުމާއިއެކު އައިޖީއެމްއެޗުންދޭ ޚިދުމަތް ތިންގުނައަށް އިތުރުވެގެންދާނެކަމަށް އައިޖީއެމްއެޗުންބުނެއެވެ.