ޚަބަރު

"ރޮހިންޔާ" އެހީގެ ހަރަކާތް ނިންމާލުން ހުކުރުދުވަހު!


ރޮހިންޔާ މުސްލިމުންނަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވާފައިވާ ފަނޑު ފޮށިތަކާއި އެނޫންވެސް ގޮތްގޮތުން އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން އަންނަ ބުރާސްފަތި ދުވަހުގެ ބޭންކްތަށް ބަންދުކުރުމުގެ ކުރިން ފައިސާގެ އެހީ ކަނޑައަޅާފައިވާ އެކައުންޓުތަކަށް ޖަމާކޮށްދިނުމަށް ޑިފެންސް މިނިސްޓްރ ޢާދަމް ޝަރީފް ޢުމަރު އިލްތިމާސްކުރަށްވައިފިއެވެ. 

މިނިސްޓަރ މިގޮތަށް އިލްތިމާސްކުރެއްވީ ރޮހިންޔާ މުސްލިމުންނާއެކު ދިވެހީން، މިނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރޮހިންޔާގެ މުސްލިމުންނަށް އެހީވުމަށްޓަކައި އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން މީޑިއާތަކާއި ގުޅިގެން ކުރިއަށްގެންދިޔަ ޓެލެތޯން ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ފަންސަވީހަކަށް ގަޑިއިރަށް ކުރިއަށްގެންދިޔަ ޓެލެތޯން ނިންމާލިނަމަވެސް، ރޮހިންޔާ މުސްލިމުންނާއެކު ދިވެހިން މިނަމުގައި ހުޅުވާފައިވާ އެހީ ހޯދުމުގެ ފަންޑު ކުރިއަށްދާނެކަމަށެވެ. އެގޮތުން މިފަންޑަށް އެހީވުމުގެ ޙަރަކާތްތައް މާލޭގައި ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެނދިޔުމަށް ހަމަޖެގިފައިވާކަމަށާ، ރަށްރަށުގައި ކުރިއަށްގެންދާ ފައިސާ ހޯދުމުގެ ޙަރަކާތްތަށް ބުރާސްފަތިދުވަހުގެ ބޭންކް ބަންދުކުރުމުގެ ކުރިން ނިންމާލައި ކަނޑައެޅިފައިވާ އެކައުންޓުތަކަށް ފައިސާގެ އެހީތައް ޖަމާކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ. 

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކުރިއަށް ގެންދިޔަ ޓެލެތޯން ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒިޔާދު ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާދެކޮޅަށް އެންމެ ފުރަތަމަ އަޑުއުފުއްލެވި ދުނިޔޭގެ ވެރިންގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ހިމެނިވަޑައިގަންނަވާކަމަށެވެ. ދިވެހި ރާއްޖެއަކީ ރޮހިންޔާގައި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަށް އެންމެ ފުރަތަމަ ކުށްވެރިކޮށް ފިޔަވަޅު އެޅި ޤައުމުކަމަށެވެ. އަދި މިފަދަ ޓެލެތޯނެއް ކުރިއަށް ގެނދިޔުމަށް ޚިޔާލުފުޅުދެއްވައި އެހީތެރިކަންދެއްވިކަމަށްޓަކައި ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރަށްވާފައެވެ.

އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ޓެލެތޯން ނިންމުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މޭނެޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުލަތީފް ވިދާޅުވީ މި ޓެލެތޯންގެ ސަބަބުން ދިވެހިންނަކީ އިސްލާމީ އުއްމަތަށް ދިމާވާކޮންމެ ކަމެއްގައި ޘާބިތުކަމާއެކު ދެމިތިބިބައެއްކަން ދޭހަވާކަމަށެވެ. 

ކިތައްމެ ކުޑަ އަދި ވަޞީލަތްތަށް މަދު ޤައުމެއް ކަމުގައި ދިވެހި ރާއްޖެ ވީނަމަވެސް ލާއިންސާނީ ޢަމަލުތަކާ ދެކޮޅަށް ކެރިގެން ދިވެހިން ކުރިމަތިލާކަމީ މާޒީގައި ދިވެހިން ޘާބިތުކޮށްދީފައިވާކަމެއްކަމަށް އިކްރާމް ވިދާޅުވިއެވެ. 

މިޔަންމާގައި ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގިނަ ހަރަކާތްތަކެއް މާލެއާއި އަތޮޅު ތެރޭގައި ގިނަ ޙާރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މިހާތަނަށް 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.