ޚަބަރު

މި އަހަރު އިތުރު 7000 ފްލެޓް، އަޅާނެ - ރައީސް


މިއަހަރު ނިމުމުގެ ކުރިން 7000 ފްލެޓްގެ ޢަމަލީ މަސައްކަތް ފަށާނެކަމަށާއި، އިތުރު 8000 ފްލެޓްގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ސަރުކާރުން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

އެއްހާސް ފޮޓޯގްރާފަރުން ތަމްރީން ކުރމުގެ ޕްރޮގްރާމުގެ ދެވަނަބުރުގެ ދަރިވަރުން ދަސްވެނިވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އާބާދީގެތެރެއިން ބައެއް މީހުންނަށް  ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާކަމަށާ، އެފަރަތްތައް ގެދޮރުވެރިކުރުވުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށެވެ.

މިއަދުގެ ސަރުކާރުން ލޯނު ހޯދައިގެން އެތައްސަތޭކަ މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ރާއްޖެގެނެސް އެތައް ބިލިޔަން ރުފިޔާގެ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްގެންދާތީ، ސަރުކާރުން ބޭނުންވާހާ ބާރުމިނުގައި ފްލެޓްތައް ނޭޅިހިނގައިދާނެކަމަށާ، އެހެންނަމަވެސް ސަރުކާރުން މަސައްކަތްކުރަނީ ހިނގަމުންމިދާ ރިޔާސީ ދައުރުގެތެރޭގައި  މަދުވެގެން ފަނަރަ ހާސް ހައުސިންގ ޔުނިޓް އެޅުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ދަށުން ޒުވާނުންނަށް ހުރި ފުރުސަތުތަކުގެ އިތުރުން ދިވެހި ޒުވާންނަށް މިއަދު ފަހިކޮށްދެވިފައިވާ މަތީ ތައުލީމުގެ ފުރުސަތުތަކާއި، ޓެކްނިކަލް ދާއިރާއިން ޒުވާނުންނަށް ލިބިފައިވާ ފުރުސަތުތަކުގެ މައްޗަށް ވަރަށް ތަފްސީލީގޮތެއްގައި ރައީސްވަނީ ވާހަކަފުޅުދައްކަވާފައެވެ.