ޚަބަރު

ރޮހިންޔާ ޓެލެތޯން ނިންމާލައިފި


ސަރުކާރުން އިސްނަންގަވައިގެން އިސްލާމިކް މިނިސްޓްރީއާއި ރާއްޖޭގެ މީޑިޔާގެ ފަރަތްތައް ގުޅިގެން ރޮހިންޔާ މުސްލިމުންނާއެކު ދިވެހީން ގެ ނަމުގައި ކުރިއަށް ގެންދިޔަ ޓެލެތޯން ނިންމާލައިފިއެވެ. 

ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މިޓެލެތޯންގައި 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ. މި ޓެލެތޯން ނިމުނު ކަމުގައިވިޔަސް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެފުރުސަތު އެބައޮތްކަމަށް ހަރަކާތްތައް ވިލަރެސްކުރައްވާ ކޮމެޓީން ބުނެއެވެ. ޓެލެތޯންގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުންވަނީ ދީލަތި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދީފައެވެ. މިޔަންމާގައި ހާލުގައި ޖެހިފައިވާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ގިނަ ހަރަކާތްތަކެއް މާލެއާއި އަތޮޅު ތެރޭގައިވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި މިހަރަކާތްތައް ވިލަރެސްކޮށް އިންތިޒާމް ކުރުމަށްޓަކާއި ސަރުކާރުންވަނީ ކޮމެޓީއެއް އުފައްދަވާފައެވެ. ކޮމެޓީގެ ބެލުމުގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދީފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަންޑު ފޮށިތަށް ބެހެއްޓުމާއި ތަފާތު ހަރަކާތްތައް ހިންގުން ހިމެނެއެވެ.