ޚަބަރު

އެހީ ފޯރުކޮށްދިނުމަކީ ސަރުކާރުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތެއް!


ދިވެހި ސަރުކާރުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުގައި ހުރި އެއްގޮތްކަމަކީ، އެހީބޭނުންވެފައިވާ ފަރާތްތަކުގެ އަޑު އަހައި އެ ފަރާތަކަށް އެހީވުމަށް ރާއްޖެއިންދޭ ސަމާލުކަންކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ އދ.ގެ ޢާންމު މަޖިލީހުގެ 72 ވަނަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އދގެ ޢާންމު މަޖިލީހުގެ 72 ވަނަ ބައްދަލުވުމުގައި ތަޤްރީރުކުރައްވަމުން ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް ވަނީ ދިވެހި ސަރުކާރުން ވަލްނަރަބަލް ގްރޫޕްތައް ނުވަތަ މުޖުތަމައުގެ އެހީއާއި އަޅާލުން ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމަށް ދިވެހި ސަރުކާރުން ކޮށްފައިވާ ކަންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި، ޖިންސީ ހަމަހަމަކަން ރާއްޖޭގައި ޤާއިކޮށްފައިވާކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރުޞަތުތައް ފަހިކޮށްދީ، ޢުމުރުން ދުވަސްމީހުންނަށް ދައުލަތުން ފައިސާގެ އެހީދެމުންދާކަންވެސް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ރާއްޖޭގައި ހިލޭ ބޭސްފަރުވާގެ ޚިދުމަތް ދިނުމުގެ ނިޒާމެއް ޤާއިމުކޮށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ޚިދުމަތް ދެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ އާސިމް  ވިދާޅުވީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ، ބައިނަލްއަޤްވާމީ މުޖުތަމައުން ހަވާސާވެ، އެހީ ބޭނުންވެފައިވާ ފަރާތްތަކުގެ އަޑު މުޅި ދުނިޔެއަށް އިއްވުންކަމަށެވެ.

ދިވެހިރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ނިސްބަތުން އެންމެ ގިނަ ފައިސާ ސިއްޙީ ނިޒާމު ތަރައްޤީކުރުމަށް ހޭދަކުރާ ޤައުމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ ޖީ.ޑީ.ޕީގެ 9 އިންސައްތަ ހޭދަކުރަނީ ސިއްޙީ ދާއިރާގެ ތަރައްޤީއަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކަށީގެންވާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަކީ ރާއްޖޭގެ ޤާނޫނުއަސާސީގައި އަސާސީ ޙައްޤެއްކަމަށާއި، ސިއްޙީ ނިޒާމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކާއެކު، އެދާއިރާ އިތުރަށް ތަރައްޤީކުރުމަށް ކުރާ މަސައްކަތް ހުއްޓާ ނުލައްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް، ބޮޑެތި އިންވެސްޓްޓަރުންނަށް ފަހި މާހައުލެއް ރާއްޖޭގައި ޤާއިމުކޮށްދީފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، މި ހުރިހާކަމެއްގެ ނަތީޖާއެއްގެގޮތުން ދިވެހި ޒުވާނުން ބާރުވެރިވެ، އެތައް ފުރުޞަތުތަކެއް ފަހިވަމުންދާކަމަށެވެ.

އދގެ ޢާންމު މަޖިލީހުގެ 72 ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ އދ.އާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ މަޤްޞަދު ޙާސިލްވާނެގޮތަށްކަމަށެވެ.