ޚަބަރު

ޓެރަރިޒަމް ހުއްޓުވުމަށް ބައިނަލްއަޤްވާމީ އުސޫލުތަކެއް ބޭނުންވޭ!


ޓެރަރިޒާމާއި ހައްދުފަހަނައަޅައިދިޔުން ހުއްޓުވުމުގެ ސިޔާސަތުގެ ދަށުން ބައިނަލްއަޤުވާމީ ގޮތުން އެއްބަސްވެވޭ އުޞޫލުތަކެއް ހޯދުމަކީ ދިވެހިރާއްޖޭން އަހައްމިއްޔަތުކަންދޭކަމެއް ކަމަށާއި، އދން އަލަށް ޤާއިމުކުރި، އޮފީސް އޮފް ކައުންޓަރ ޓެރަރިޒަމަށް ރާއްޖޭން ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ.

ޑރ. ޢާޞިމް މި މޭރުމުން ވާހަކަފުޅުދައްކަވާފައިވަނީ އދގެ ޢާއްމު މަޖިލީހުގެ 72 ވަނަ ޖަލްސާގައި ދެއްވި ތަޤްރީރުގައެވެ.

އދގެ 72 ވަނަ ޢާއްމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ފޮރިން މިނިސްޓަރު ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވީ، އައި.އެސް ނުވަތަ ދައޭޝަށް އެ ޖަމާޢަތުގެ ބާރު އިތުރުކުރާނެ ފުރުޞަތު ލިބުނީ ހަމަނުޖެހުންތަކާއި، ޔަޤީންކަމެއް ނެތުމުގެ ތެރެއިންކަމަށެވެ. އަދި އެ ޖަމާޢަތުން، ދީނާއި ބިރު ދެއްކުމާމެދު ގެންގުޅެނީ އެ ޖަމާޢަތަށް ޚާއްޞަ ޚިޔާލުތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިޔުމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގައި ބައިނަލްއަޤުވާމީ އެއްބާރުލުން ހޯއްދެވުމަށް އދން ކުރާ މަސައްކަތް ފާހަގަކުރައްވައި، އެ މަސައްކަތަށް ދިވެހިރާއްޖެއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދޭނެކަމަށް މިނިސްޓަރ ޑރ. ޢާޞިމް ވިދާޅުވިއެވެ.

އދން އަލަށް ޤާއިމުކުރި، އޮފީސް އޮފް ކައުންޓަރ ޓެރަރިޒަމް މެދުވެރިކޮށް، ހައްދުފަހަނައަޅާދިޔުން ހުއްޓުވުމާބެހޭ އެކްޝަން ޕްލޭން ތަންފީޒުކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އދގެ ޢާއްމު މަޖިލީހުގެ ޖަލްސާގައި ފޮރިން މިނިސްޓަރ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިނިސްޓަރ ވިދާލުވީ، މި ވަގުތަކީ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން އެނގޭ ޙަޤީޤަތްތަކާމެދު ސުވާލު އުފައްދަންވީ ވަގުތު ނޫންކަމަށާއި، މިއީ ޢަމަލުކުރުމުގެ ވަގުތު ކަމަށް މިނިސްޓަރ ޑރ. އާސިމް ވިދާޅުވިއެވެ.

މި މައްސަލައިގައި ބޭކާރު ކުރާނެ ވަގުތެއް މިވަގުތު ނެތްކަން ފާހަގަކުރައްވާ ޑރ. ޢާސިމް ވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުން މެދުވެރިވާ ޤުދުރަތީ ކާރިސާތަކުގެ ޝިކާރައަކަށްވެފައިވާ މީހުންގެ މަތިން ހަނދާންނައްތާ ނުލުމަށް ގޮވާލައްވާފައެވެ. އަދި މިފަދަ ހާދިސާތަކުގެ ބިރު އެންމެ ބޮޑީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެކަނި ނޫން ކަމަށާ،  ބޮޑެތި ޤައުމުތަކަށްވެސް މީގެ ނުރައްކާ ކުރިމަތިވަމުންދާތަން ފެންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޕެރިސް އެގްރީމަންޓް ފުރިހަމައަށް ތަންފީޒުކުރުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ތިމާވެށި ހިމާޔަތްކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެކަމަށެވެ.