ކުޅިވަރު

ގޭމްސްގެ ނަތީޖާތައް ރަނގަޅު - ޗެފްޑިމިޝަން


މިފަދަ ވަރުގަދަ ގޭމްސްއެއްގައި ރާއްޖޭގެ ޓީމްތައް މިހާތަނަށް ހޯދާފައިވާ ނަތީޖާތައް ދަށް ނޫންކަމަށް ދިވެހި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފްޑިމިޝަން އިސްމާޢީލް ސުޖާޢު ވިދާޅުވެއްޖެއެވެ.

 ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާރޓްސް ގޭމްސްގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވަނީ 5 ކުޅިވަރެއްގައެވެ. އެއީ އެތްލެޓިކްސް، ބިލިއާޑް، ސްވިމިންގް، ޗެސް އަދި ފުޓްސެލްއެވެ. މިފަސް ކުޅިވަރުގެ ތެރެއިން އެތްލެޓިކްސްއާއި ފުޓްސެލް މިހާރުވަނީ ނިމިފައެވެ. 

ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފްޑިމިޝަން އިސްމާޢީލް ސުޖާޢު ވިދާޅުވީ މިއީ ސަރަހައްދީ ލެވެލްގެ މުބާރާތަކަށް ވުރެ ބޮޑު މުބާރާތެއްކަމަށާއި، ކޮންމެ ކުޅިވަރެއްގައިވެސް ބައިވެރިވެފައިވަނީ ވޯލްޑް ނަންބަރ ވަންކަމަށެވެ. ރާއްޖޭގައި ފުޓްސެލް ކުޅެނީ އައުޓްޑޯގަ، ނަމަވެސް ގޭމްސްގައި އިންޑޯގައި ކުޅުމުގެ އިތުރުން ފުޓްސެލް ކުޅުނު ސާފެސްއަކީވެސް ރާއްޖޭގެ ފުޓްސެލް ޓީމް މުޅިން އަލަށް ކުޅުނު ސާފެސްއެއްކަމަށްވެސް ސުޖާޢު ވިދާޅުވިއެވެ. އަދި ރާއްޖެ ލައްވާލި ގުރޫޕްގައި ތިބީވެސް ފުޓްސެލް ވޯލްޑްކަޕް ކުޅޭ ގައުމްތައްކަމަށާއި ނަމަވެސް އެޤައުމުތަކާއި ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން ވަރަށް ހިތްވަރުކުރިކަން ސުޖާ ފާހަގަކުރެއްވިއެވެ. 

އެތްލެޓިކްސްއަށް ބަލާއިރު، ގިނަ އިވެންޓްތައް ކުރިއަށްދަނީ އައުޓްޑޯގައެވެ. ނަމަވެސް ރާއްޖޭގެ އެތްލީޓުން ތަމްރީން ކުރަމުންދާ ބޮޓްސުވާނާގައިވެސް އެތްލީޓުން ތަމްރީން ކުރަމުންދަނީ އައުޓްޑޯގައެވެ. އަދި ބިލިއާޑްގައި ރާއްޖޭގައި ނުވެސް ކުޅޭ ބިލިއާޑްގެ ވައްތަރުތައް ގޭމްސްގައި ކުޅެންޖެހުމުން ބިލިއާޑް ކުޅުންތެރިންނާއި ވަރަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހުނުކަންވެސް ސުޖާޢު ފާހަގަކުރެއްވިއެވެ.

"ދުނިޔޭގެ ނިސްތަބުން އޭޝިޔާ ބައްރަށް ނިސްބަތްވާ ވަރަށް މޮޅެތި ކުޅުންތެރިން އެބަތިބި މިގޭމްސްގަ. ބިލިއާޑްގައިވެސް، ޗެސްގައިވެސް. އަޅުގަނޑުމެންގެ ކުޅުންތެރިއަކު ކުރީ ދުވަހު ކުޅެން ޖެހުނު ޗެސްގެ ވޯލްޑް ރޭންކިން ނަންބަރ ވަންއާ. އެހެންވީމަ ވަރަށް ބޮޑު ތަފާތެއް ފެންނާނެ. މިފަދަ ތަނަކަށް އައިސްގެން، މޮޅު ކުޅުންތެރިންނާ އެކު ކުޅެގެން ނޫނީ ކުރިއެއް ނާރާނެ. އެހެން ނޫނިއްޔާ އަޅުގަނޑުމެން ތިބެންޖެހޭނީ ކުޅޭނެ ފުރުސަތު ލިބޭތޯ. އެފުރުސަތު ހޯދުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކަންނޭންގެ ދެންކުރަންވީ. މިފަދަ މުބާރާތަކުން އެލިބޭ ތަޖުރިބާގެ ބޭނުން ކުރިއަށް އޮތް ތަނުގައި ހިފުން ރަނގަޅު. ވަސީލަތްތަކުގެ ގޮތުން ކޮންމެ ގޮތެއްވިއަސް އަޅުގަނޑުމެން މިއުޅެނީ ވަރަށް ފަހަތުގަ." ސުޖާ ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑިމިޝަން އިސްމާޢީލް ސުޖާޢު ވިދާޅުވީ ކޮންމެ ފަހަރަކު އެންމެ ބޭނުންވާ ގޮތަށް ނަތީޖާ ނުނިކުމެދާނެކަމަށާއި، ކޮންމެ ފަހަރަކު މުހިންމީ ނަތީޖާއެއް ނޫންކަމަށެވެ. އަދި މިގޭމްސްގައި ސްވިމިންގް، އެތްލެޓިކްސް، އަދި ޗެސްގައި ބައިވެފައިވަނީ ވަރަށް ޒުވާން ކުޅުންތެރިންތަކެއް ކަމަށާއި، ކުރިއަށް އޮތްތާނގައި ނަތީޖާ ރަނގަޅުވާނެކަމަށް ސުޖާާޢު ވިދާޅުވިއެވެ. ބިލިއާޑް ކުޅުންތެރިންނާއި، ފުޓްސެލް ކުޅުންތެރިންނަށްވެސް މިއީ ވަރަށް ރަނގަޅު ތަޖްރިބާއެއްކަމަށްވެސް ސުޖާޢު ވިދާޅުވިއެވެ.