ޚަބަރު

ބިލެތްފައްސަށް ޖަނަރޭޓަރެއް ގެންދިއުމުގެ މަސައްކަތް ފަށައިފި


ރޭ ށ. ބިލެއްފަހި އިންޖީންގޭގައި ރޯވެ އަނދާހުލިވު އެ ރަށުން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާތީ އެ އެރަށަށް އިންޖީނެއް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދް ޝަރީފް ވިދާޅުވީ ފޯކައިދޫގައި ހުރި 200 ކިލޯ ވޮޓްގެ ޖަނަރޭޓަރެއް މިހާރު ބިލެތްފައްސަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މިއަދު އިރު އޮއްސުމުގެ ކުރިން ބިލެއްފައްސަށް ކަރަންޓް ދެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށެވެ. ފެނަކައިގެ ޓެކްނިކަލް ޓީމަކާއި، ލޭބަރ ފޯސްއެއް ބިލެތްފައްސަށް ފޮނުވުމަށް ތައްޔާރުވެފައިވާކަމަށާއި، ބިލެތްފަހީގައި ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިއަދު ފަށާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/15062320128840.jpg|ބިލެއްފަހި އިންޖީނުގޭގައި އަލިފާން ރޯވެފައި- ފޮޓޯ: ސޯޝަލް މީޑިއާ

ރޭ ދަންވަރު ބިލެތްފަހީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އިންޖީނުގެ ވަނީ އެއްކޮށް އަނދާ ހުލިވެފައެވެ. ފެނަކައިން ބުނީ މި ޙާދިސާ ހިނގަން މެދުވެރިވި ކަމަށް ލަފާކުރެވިފައިވަނީ ހިންގާފައިހުރި އިންޖީނެއްގައި ރޯވުމުގެ ސަބަބުން ކަމަށާއި، އެ މައްސަލަ ބަލަމުންދާކަމަށެވެ.

ބިލެއްފަހީ ކައުންސިލުން ބުނީ މުޅި ރަށުން ކަރަންޓް ކެނޑިފައިވާކަމަށާއި އެކަމުގެ ސަބަބުން މުޢާސަލާތުކުރުމުގައި ދަތިތައް ކުރިމަތިވެފައިވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/15062320334911.jpg|ބިލެއްފަހި އިންޖީނުގޭގައި އަލިފާން ރޯވެފައި- ފޮޓޯ: ސޯޝަލް މީޑިއާ

ށ.ބިލެއްފަހީ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ ރޭ އެގާރަގަޑި ސާޅިސްހާއިރުއެވެ. ކައުންސިލުން ބުނީ އަލިފާން ނިންވާލާފައިވަނީ ރަށު ރައްޔިތުންނާއި، ކައިރި ރިސޯޓެއްގެ އެހީތެރިކަމާއިއެކު ބާރަގަޑި ދިހައެއްހާއިރުކަމަށެވެ.