ކުޅިވަރު

ޓީމްގެ އިތުބާރު ބޮޑުވެއްޖެ - ނިޒާމް


ދެވަނަ ބުރަށްދާއިރު ރޭގެ މެޗުން މޮޅުވުމަކީ ޓީމްގެ އިތުބާރު ބޮޑުވެގެންދިޔަ ކަމެއް ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗް މުޙައްމަދު ނިޒާމް ބުނެފިއެވެ. 

ރޭ ގްރީން ސްޓްރީޓްސްގެ މައްޗަށް ތިނެއް އެކަކުން ކުރި ހޯދި މެޗަށްފަހު ކޯޗް ނިޒާމް ބުނީ ވޭތުވެދިޔަ ދެތިން ޕްރެކްޓިސްއެއްގައި ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށާއި ގްރީންއާ ދެކޮޅަށް ނިކުތީ އެއިތުބާރާ އެކުކަމަށެވެ. ނަމަވެސް ކޮންމެ މެޗަކަށް ނިކުންނަނީކީ ގިނަ ލަނޑުތަކެއް ޖަހަން ނޫންކަމަށާއި މޮޅުވުމުގެ ޢަޒުމުގައި ކަމަށް ނިޒާމް ބުންޏެވެ.

" ކޮންމެ މެޗަކަށްވެސް ނިކުންނަނީ މޮޅުވާން. ތިންހަތަރު ލަނޑު ޖަހާކަށްނޫން. އެހެން ނަމަވެސް މިރޭގެ މެޗްގެ ނަތީޖާއަކީ ކުޅުންތެރިން ކުރި ހިތްވަރު. ބުރަ މަސައްކަތް. މީ ބޮޑު ބްރޭކަކަށް ދާއިރު ޓީމަށް ލިބުނު ހިތްވަރެއް. އަދި ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅު ކުރުމަށް ލިބުނު ވަރަށްބޮޑު ފުރުޞަތެއް. " ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުންޏެވެ.

ގްރީންގެ ކޯޗް ސަބާޙް މުޙައްމަދު ބުނީ ދިގު ލީގެއް ކުރިޔަށްދާއިރު ކިތަންމެ މޮޅު ޓީމަކަށްވެސް މިފަދަ ދުވަހަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. މިއަދަކީ އެކަހަލަ ދުވަހެއް ކަން ޞޮބާ ފާހަގަކުރިއެވެ. އެހެން މެޗްތަކެކޭ އެއްފަދައިން ޓީސީއާ ދެކޮޅަށްވެސް ނިކުތީ ތިންޕޮއިންޓް ކަށަވަރު ކުރަން ކަމަށެވެ. މެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ނަމަވެސް ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށް ސޮބާ ބުންޏެވެ.

" ނަތީޖާއާ މެދު ހިތްހަމައެއްނުޖެހޭ. އެހެންނަމަވެސް ކުޅުންތެރިން ކުޅުނު ކުޅުމާމެދު ވަރަށް ހިތްހަމަޖެހޭ. ސަބަބަކީ ލަނޑު ނުޖެހުނު ނަމަވެސް އެޓޭކް ކޮށްފި. ރަނގަޅު ޙަމަލާތަކެއް އުފައްދައިފި. ލަނޑުޖަހާނެ ފުރުޞަތުތައް ލިބުނު. ދެންއޮތީ ދެވަނަ ބުރުގައި އިތުރަށް މަސައްކަތް ކުރުން. މީކީ އަދި ޓޭބަލްގެ ކުރީގައި އޮތް ޓީމްތައް އަތު ނުވާވަރުގެ ފަރަޤެއްނޫން. " ގްރީންގެ ކޯޗް ސޮބާ ބުންޏެވެ.