ކުޅިވަރު

ހިތްހަމަޖެހުމާއެކު ޓީސީ ފުރަތަމަ ބުރު ނިންމާލައިފި


ގްރީން ސްޓްރީޓްސް ބަލިކޮށް، ހިތްހަމަ ޖެހުމާއެކު އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ފުރަތަމަ ބުރު ޓީސީން ނިންމާލައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ ޓީސީ ގްރީންގެ މައްޗަށް ހޯދީ ތިން ލަނޑު އެއް ލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފް ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ދެވަނަ ހާފްގައި ލަނޑުޖަހާ މެޗްގެ ލީޑް ފުރަތަމަ ނެގީވެސް ޓީސީންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ކުޅުންތެރިޔާ ޙަސަން ނާއިޒް (ދާދު)އެވެ. މެޗްގައި ޓީސީން ކުރި ފުރަތަމަ އެޓޭކަކީވެސް ޙަސަން ނާއިޒް ކުރި އެޓޭކެކެވެ. ރޭގެ މެޗްގައި ނާއިޒްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޓީސީގެ ތިން ލަނޑުގައިވެސް ނާއިޒުގެ ޙިއްޞާ ބޮޑެވެ. ޓީސީގެ ތިން ލަނޑުވެސް ޖެހީ ގްރީންގެ ޑިފެންސް ލައިނުން ހެދި ގޯސްތަކެއްގެ އެޑްވާންޓޭޖް ނަގައިގެންނެވެ. ގްރީން ސްޓްރީޓްގެ ގޯލް ކީޕަރ ޖުން ކޮޗީ ބޯޅަ އަތުލުމަށް އޭރިޔާ ބޭރަށް ނިކުތްވަގުތު އޭގެ އެޑްވާންޓޭޖް ނެގީ ޓީސީގެ ބިދޭސީ ކުޅުންތެރިޔާ ޚަލީލްއެވެ. ކީޕަރ ކައިރިން ނައްޓާފައި އޭރިޔާ ބޭރުން ޚަލީލް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނުމާއެކު ޓީސީގެ ލީޑް ދޭއް ސުކަމަށް ބަދަލުވިއެވެ. ޓީސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާ ސްޓެވާޓެވެ. ރޭގެ މެޗްގައި ގްރީންއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ނިޒާމްއެވެ. 

ޓީސީގެ މިމޮޅާއެކު އެޓީމްވަނީ ސޯޅަ ޕޮއިންޓާއެކު ލީގު ތާވަލްގައި ތިންވަނާގައެވެ. ހަމަ މިޢަދަދަށް ޕޮއިންޓް ލިބި ޖަހާފައިވާ ލަނޑުގެ ތަފާތުން ދެވަނާގައި އޮތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ. އަށާރަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ނިއުރޭޑިއަންޓެވެ. ގްރީން ސްޓްރީޓްސް އޮތީ ބާރަ ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.