ޚަބަރު

ޓެރަރިޒަމަކީ ޑިމޮކްރަސީ ޤާއިމުކުރުމަށް ހުރި ބޮޑު ގޮންޖެހުމެއް!


ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ފިކުރަކީ ޤައުމުތަކުގައި ޑިމޮކްރަސީ ޤާއިމުކުރުމަށް ހުރި ބޮޑު ގޮންޖެހުމެއްކަމަށް ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވެއްޖެއެވެ.

އދ ގެ ޢާންމު މަޖިލީހުގެ 72 ވަނަ ސެޝަންގެ ހަވާސާގައި، ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ފިކުރު ނައްތާލުމަށް ދިވެހިރާއްޖެއާއި، ސަޢޫދީ ޢަރަބިއްޔާ ގުޅިގެން ބޭއްވި އިވެންޓެއްގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ވިދާޅުވީ، ޓެރަރިޒަމްގެ ނުރައްކާ އޮތީ ވަކި ޤައުމުތަކަކަށް ނޫންކަމަށާއި، އެއީ މުޅި ދުނިޔެއަށްވެސް އޮތް ބޮޑު ނުރައްކަލެއްކަމަށެވެ. އެގޮތުން ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރަކީ، ބިރުވެރިކަމާއި، ރުޅިވެރިކަން ފަތުރައި، ޤައުމުތަކުގައި ޑިމޮކްރަސީ ޤާއިމުކުރުމަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް މިނިސްޓަރ ވިދާޅުވި. މިނިސްޓަރ ވަނީ ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ ފިކުރަށް ބާރުދޭ، އަދި އެފަދަ ކަންކަމުގައި ބައިވެރިވާ ފަރާތްތަކުގެ ޢަމަލުތައް ކުށްވެރިކުރައްވާފައެވެ.

ފޮރިން މިނިސްޓަރ މުޙައްމަދު އާސިމް މިއަދު ވަނީ އދގެ ޢާންމު މަޖިލީހުގެ ހަވާސާގައި ކުރިއަށްގެންދިޔަ ގްރޫޕް އޮފް ސެވަންޓީ ސެވަން އަދި ޗައިނާގެ ބައްދަލުވުމުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

އދގެ އާންމު މަޖިލީހުގެ 72ވަނަ ބައްދަލުވުން މިހާރު ކުރިއަށްދާއިރު މި ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ.މުޙައްމަދު އާސިމް މިރޭ ރާއްޖެގަޑިން ދޭއްޖަހާކަންހާއިރު ތަޤްރީރް ކުރައްވާނެއެވެ. މިނިސްޓަރގެ ތަޤްރީރް ޕީއެސްއެމް ނިއުސްއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.