ޚަބަރު

ގެސްޓްހައުސްތަކާއެކު އަތޮޅުތަކަށް ފައިދާތަކެއް ކުރޭ- ޝޮކޯ ނޯޑާ


އަތޮޅުތެރޭގެ ރަށްތަކުގައި ގެސްޓްހައުސް ވިޔަފާރި ފުޅާވެގެން ދިއުމުން ރަށްފުށުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ރަށްތަކުގައި ދިރިއުޅޭ ފަރުދުންގެ ފުދުންތެރިކަން އިތުރުވެގެންދާނެކަމަށް އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޝޮކޯ ނޯޑާ ވިދާޅުވެއްޖެއެވެ.

ޝޮކޯ ނޯޑާ މިހެން ވިދާޅުވެފައިވަނީ ދިރާގް ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް ހުޅުވުމަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އދ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ވިދާޅުވީ، ރާއްޖޭގައި ޓޫރިޒަމް ސިނާއަތުގައި ހިމެނޭ ބައިތަކުގެ ތެރެއިން ގެސްޓްހައުސް ވިޔަފާރިއަކީ ވަރަށް މުހިއްމު ބައެއްކަމަށެވެ. އަދި އަތޮޅުތެރެއަށް ގެސްޓްހައުސްގެ ވިޔަފާރި ފުޅާވުމުގެ ސަބަބުން އެރަށްތަކުގައި ދިރިއުޅެމުންދާ މީހުނަށް ވަޒީފާގެ ފުރުސަތުތައް ލިބި އެމީހުންގެ ދިރިއުޅުމުގެ ފުދުންތެރިކަން އިތުެރުވެގެންދާނޭކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސްގައި ގެސްޓްހައުސް ވިޔަފާރިކުރާ ދުއިސައްތަ ފަރާތުން ބައިވެރިވާއިރު، ފަންސާސް ޓްރެވަލް އޭޖެންޓުންވެސް މި ކޮންފްރެންސްގައި ބައިވެރިވެއެވެ.

މިފަހަރުގެ ކޮންފަރެންސްގައި ސްޕީކާރސްގެ ގޮތުގައި ޕާލޭ މޯލްޑިވްސް، ބުކިންގ ޑޮޓްކޮމް އަދި އެކްސްޕީޑިއާ ފަދަ ކުންފުނިތައް ހިމެނެއވެެ.

ގެސްޓްހައުސް މޯލްޑިވްސް އިންތިޒާމްކުރާ މޯލްޑިވްސް ގެޓަވޭސްއިން ބުނީ، އަންނަ އަހަރު ގެސްޓްހައުސް މޯލްޑިވްސް ކޮންފަރެންސް ބާއްވާނީ، ގެސްޓްހައުސް މޯލްޑިވްސް އެކްސްޕޯގެ ނަމަށް ރީބްރޭންޑް ކުރުމަށްފަހުގައިކަމަށެވެ. ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ހަތަރުސަތޭކަ ސާޅީސް ފަސް ގެސްޓްހައުސް ރަޖިސްޓްރީކޮށްފައިވެއެވެ. މި މުއްދަތުގެ ނިޔަލަށް އޮޕަރޭޓްކުރަމުންދާ ގެސްޓްހައުސްގެ އަދަދު އުޅެނީ ހަތަރުސަތޭކަ ސާޅީސް ތިނެއްގައެވެ.