ޚަބަރު

ދުބާއީގައި ބޭއްވި ކެއްކުމުގެ މުބާރާތަކުން ދިވެއްސަކަށް އެއްވަނަ!


ދުބާއީގައި ބޭއްވި ކެއްކުމުގެ މުބާރާތެއްކަމަށްވާ "ކޮނޯ, ދަ މާސްޓާ އޮފް ސީޒަނިން" ގެ ފުރަތަމަ މުބާރާތުން އެއްވަނަ ދިވެހި ޝެފަކު ހޯދައިފިއެވެ. 

މި އެވޯޑް ލިބުނީ ބަނޑޮސް މޯލްޑިވްސްގައި މަސައްކަތްކުރާ އަޙްމަދު ފަތީންއަށެވެ. އޭނާ ވަނީ މިއަދު އެވޯޑް ހިފައިގެން ރާއްޖެ އައިސްފައެވެ. މިމަހުގެ 17 ގައި ދުބާއީގައި ބޭއްވި ކެއްކުމުގެ މުބާރާތެއްކަމަށްވާ "ކޮނޯ ދަ މާސްޓާ އޮފް ސީޒަނިން" މުބާރާތުން އެއްވަނަ ފަތީންއަށް ލިބުނީ މެދު އިރުމަތީގެ ހަތް ގައުމަކުން ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ޕްރޮފެޝަނަލް ޝެފުންނާއި ވާދަކޮށްގެނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުރެ ނޫސްވެރިންނާ ވާހަކަދައްކަމުން ފަތީން ބުނީ ޤައުމަށް މިފަދަ ބޮޑު ކާމިޔާބީއެއް ހޯދާދެވުނީތީ ވަރަށް އުފާވާކަމަށެވެ. މިމުބާރާތް ކުރިއަށްދިޔައީ މިސްޓްރީ ބޮކްސް ޗެލެންޖަކާއިއެކުއެވެ.  ފަތީން ބުނީ ޕްރޮފެޝަނަލް ޝެފުންނާއި ވާދަކުރަންޖެހުމާއި، މިސްޓްރީ ބޮކްސް ޗެލެންޖަކާއިއެކު މުބާރާތްކުރިއަށްދިއުމުން ކުޑަކޮށް ޖެހިލުންވިކަމަށެވެ. ނަމަވެސް އަބަދުވެސް މަސައްކަތްކުރަނީ ތަފާތު އެއްޗެއް ތައްޔާރުކުރެވޭތޯކަމަށް އޭނާ ބުންޏެވެ. 

އެންމެ ފުރަތަމަ 30 މިނެޓް ތައްޔާރުކުރަން ޖެހުނީ ތަފާތު 2 ވައްތަރެއްގެ ސޭންޑްވިޗެއްކަމަށާއި، އެއީ ފަސޭހަ މަސައްކަތެއް ނޫންކަން ފަތީން ފާހަގަކުރިއެވެ. މިސްޓްރީބޮކްސް ޗެލެންޖަކާއިއެކު މުބާރާތްކުރިއަށް ދިއުމުން ބޭނުންވާ ސާމާނު ނުލިބުމުން ޕްލޭން ބަދަލުކުރަންޖެހުނުކަމަށްވެސް އޭނާ ބުންޏެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފަތީންއަށް ހޯދައިދިން ބެސްޓްބައި މޯލްޑިވްސްގެ މާކެޓިންގ މެނޭޖަރ އަލީ އަފްރާހް ހަސަން ވިދާޅުވީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ކަލިނަރީ އިންޑަސްޓްރީ ފުޅާކޮށް، ދިވެހި ޝެފުންނަށް މިދާއިރާގައި ފަހި ފުރުސަތުތަކެއް ހޯދާދިނުންކަމަށެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ ގިނަ އަދަދެއްގެ ޝެފުން ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކަށް ފޮނުވާފައިވާކަމަށާއި އަދި ކުރިއަށްއޮތްތަނުގައިވެސް މިފަދަ ފުރުސަތުތައް ދިވެހި ޝެފުންނަށް ހޯދައިދޭނެކަމަށެވެ.

ފަތީންވަނީ ބައިނަލްއަޤްވާމީ ކެއްކުމުގެ މުބާރާތްތަކުގައި މީގެ ކުރިންވެސް ރަން މެޑަލްތަކެއް ހޯދާފައެވެ. އޭގެތެރޭގައި ހޮޓެލް އޭޝިޔާގައި ތިން ފަހަރު ވާދަކޮށް ބެސްޓް މޯލްޑިވިއަން ޝެފްގެ މާގާމައި، ހޮންކޮންގައި ބޭއްވި އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުން ރިހި މެޑަލް ހިމެނެއެވެ.

"ކޮނޯ ދަ މާސްޓާ އޮފް ސީޒަނިން" މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ފަތީންއަށް ލިބުނީ ރާއްޖޭގެ 10 ޝެފަކާއި ވާދަކޮށްގެނެވެ. މިދާއިރާގައި ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފަތީން ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ކަމެއްވެސް ކުރާހިތުން ކޮސްފިނަމަ ކާމިޔާބުވާނެކަމެވެ. އަދި ކިޔެވުމުގެ އިތުރުން މިދާއިރާގައި ތަޖުރިބާ ހޯދުމަކީވެސް ކުރިއަށްދާން ބެނުންނަމަ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރިއެވެ.