ޚަބަރު

"ހުކުރު އުފާ" ފެސްޓިވަލްގައި ފެނަކައިން ބައިވެރިވެއްޖެ


ކޮންމެ ހުކުރު ދުވަހަކު ބާއްވާ "ހުކުރު އުފާ" ފެސްޓިވަލްގެ މި ހަފްތާގެ ހަރަކާތްތަކުގައި ފެނަކަ ކޯޕަރޭޝަނުން ބައިވެރިވެއްޖެއެވެ.

އެގޮތުން މި ހަފްތާގެ ހުކުރު އުފާގެ ހުރިހާ ކުޅިވަރު ހަރަކާތެއް އިންތިޒާމްކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އާންމު ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ޒުވާން ޖީލުގެކިބާގައި އިސްލާމީ ސިފަތައް އަށަގެންނެވުމުގެ މަޤުސަދުގައި ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ މިއަދުގެ ހަވީރުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.

މިފަދަ ހަރަކާތްތަކުގެ ސަބަބުން އިޖްތިމާއީ ހަމަޖެހުން ޤާއިމްވެގެންދާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ދެކެއެވެ. ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ފެނަކަ ކޯޕަރޭޝަންގެ އޮގަނައިޒިންގ ސެކްރެޓަރީ އާމިނަތު ޖުނާނާ ޖަލީލް ވިދާޅުވީ ކުޑަކުދިންގެ މަޒާ، މިނަމުގައި ކުރިއަށްގެންދިޔަ މި ހަވީރުގެ ސަބަބުން ކުޑަކުދިންނަށް އެކުދިންގެ ޢާއިލާއާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށޤލުމުގެ ފުރުސަތު ލިބިގެންގޮސްފައިވާކަމަށެވެ.

ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ މިހަވީރުގައި ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް ފެނަކައިގެ ފަރާތުން ފަންޑް ފޮށިތަކެއްވެސް ވަނީ ބަހައްޓާފައެވެ. އިސްލާމިކް މިނިސްޓްރީއާއި، ފަބްލިކް ސަރވިސް މީޑިއާ ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ހުކުރު އުފާ މި ޙަރަކާތަކީ، ކޮންމެ ހުކުރު ދުވަހަކު ކުރިއަށްގެންދާ ދީނީ ފެސްޓިވަލެކެވެ. 

އިސްލާމީ ވެއްޓެއްގައި ޢާއިލީ ގުޅުން ބަދަހިކޮށް، އިސްލާމީ ރޫޙް އާލާކުރެވޭނެ މާޙައުލެއް ރައްޔިތުންނަށް ހޯދައިދިނުމުގެ މަޤުސަދުގައި ސަރުކާރުން ފެއްޓެވި މި ޙަރަކާތަށް ބޮޑުތަރުހީބެއް އަންނަނީ ލިބެމުންނެވެ.