ވިޔަފާރި

ޕްރިންޓް އެންޑް އެޑްވަޓައިޒިން ސަރވިސް ފެއަރ ފަށައިފި


ރާއްޖޭގައި ހުރި ޕްރިންޓް އެންޑް އެޑްވަޓައިޒިން ފުރުސަތުތައް ދައްކާލުމަށް ފުރަތަމަ ފަހަރަށް ބާއްވާ ފެއަރ ފަށައިފިއެވެ. ހައިރައިޒްގެ އިންތިޒާމްކުރި މި ފެއަރގައި، ރާއްޖޭގައި ޕްރިންޓް އަދި އެޑްވަޓައިޒިން ދާއިރާގައި ހަރަކާތްތެރިވާ 15 ކުންފުންޏަކުން ބައިވެރިވެއެވެ.

ދަރުބާރުގޭގައި ތިން ދުވަހުގެ މުއްދަތައް ކުރިއަށްދާ ޕްރިންޓް އެންޑް އެޑްވަޓައިޒިން ސަރވިސް ފެއަރ އަކީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ފެއަރއެވެ. މިފެއަރ ހުޅުވާދެއްވީ ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފްއެވެ.

img:http://s1.psmnews.mv/images/660x400/15060071900329.jpg|ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ފެއަރ ހުޅުވައިދެއްވަނީ / ފޮޓޯ: ޕީއެސްއެމް

ފެއަރ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައިރައިޒްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝާމިން ވިދާޅުވީ މި ފެއަރ ވެގެންދާނީ ޕްރިންޓް އަދި އެޑްވަޓައިޒިން ދާއިރާގައި ރާއްޖެއިން ލިބެންހުރި ހިދުމަތްތަކާއި ބެހޭ މައުލޫމާތު ދިވެހި ވިޔަފާރިވެރިންނަށް ލިބިގެންދާނެ ފެއަރކަމަށެވެ. މި ފެއަރ ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ ޕްރިންޓް އެންޑް އެޑްވަޓައިޒިން ވިޔަފާރިތަކުގެ މާކެޓް ރާއްޖޭން ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ހިފެހެއްޓުންކަމަށްވެސް ޝާމިން ވިދާޅުވިއެވެ.

ރާއްޖޭގައި ބާއްވާ ފުރަތަމަ ޕްރިންޓް އެންޑް އެޑްވަޓައިޒިން ސަރވިސް ފެއަރ ޝަރަފްވެރި ކޮށްދެއްވައި ވާހަކަދައްކަވަމުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ މިދާއިރާއަކީ ވަރަށް ގިނަ ހުނަރުވެރި ފަރާތްތަކެއް މަސައްކަތްކުރާ ދާއިރާއެއްކަމަށާއި މިފަދަ ފެއަރ އެއް ރާއްޖޭގައި ބޭއްވުން މާލަސްވެއްޖެކަމަށެވެ. އަދި ރާއްޖޭގައި ޕްރިންޓް އަދި މީޑީޔާގެ އެހެން ހިދުމަތްދޭ ފަރާތްތަކަށް ހިމާޔަތް ލިބޭފަދަ އުސޫލެއް ޤާއިމުކުރަންޖެހޭކަމަށާއި އެ މަސައްކަތް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކުރަމުންދާކަމަށް އާސިފް ވިދާޅުވިއެވެ.