ޚަބަރު

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ތާވަލްކޮށްފި


އެމް.އެމް.ޕީ.އާރު.ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ދައުވާގެ އަޑުއެހުންތައް އަންނަ އާދިއްތަ ދުވަހު ފެށުމަށް ތާވަލްކޮށްފިއެވެ.

ޒިޔަތުގެ މައްޗަށް ދައުލަތުން ވަނީ ޚިޔާނާތުގެ 31 ދައުވާއެއް އުފުލާފައެވެ. މި ހުރިހާ ދައުވާއެއްވެސް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އެއް ޝަރީޢަތުގެ މަޖިލީހުގައެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ 31 ދައުވާއަކީވެސް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ރިސޯރޓް ތަރައްޤީކުރުމަށް ރަށްރަށާއި ފަޅުތައް ދޫކުރުމުގައި ޚިޔާނާތެރިވެފައިވާކަމަށް ބުނެ އުފުލާފައިވާ ދައުވާތަކެކެވެ.

ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ އިތުރު މައްސަލަތަކެއް އަޑުއެހުން ފަށާއިރު އެނާ މިހާރުވެސް ގެންދަނީ އެމްއެމްޕީއާރސީގެ ފައިސާތަކަށް ހިޔާނަތްތެރިވި ކުށް ސާބިތުވެ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

ރާއްޖޭގެ ފަހުގެ ތާރީހުގައި މިހާތަނަށް ހިންގާވައިވާ އެންމެ ބޮޑު ޚިޔާނާތްކަމަށްވާ، އެމް.އެމް.ޕީ.އާރ.ސީގެ 1.2 ބިލިއަން ރުފިޔާއަށް ވީ ނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. މި ޚިޔާނާތާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުވެސް އަންނަނީ 8 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ދައުލަތުން ވަނީ އަދީބާއި ދެކޮޅަށް ހިޔާނާތުގެ އިތުރު 9 ދައުވާއެއް އުފުލާފައެވެ.