ޚަބަރު

ގުރައިދޫ މަރުކަޒަށް 1.7 މިލިއަން ރުފިޔާގެ އެހީއެއް!


ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒް ތަރއްޤީކުރުމަށް 1.7 މިލިއަން ރުފިޔާގެ އެހީ ދިނުމަށް އަމިއްލަ ތިން ކުންފުންޏަކުން ނިންމައިފިއެވެ. 

މި އެހީ ދޭން ނިންމާފައިވަނީ އެލިޔާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުންނެވެ. ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެހީ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފައެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ޕްރޮޖެކްޓްތަކުގެ ސަބަބުން ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚިދުމަތް ދޭ މަރުކަޒުގެ ފެންވަރު ރަނގަޅުވެ، މަރުކަޒްގައި ތިބޭ ބަލީމީހުންނަށް ފަސޭހަތަ ވެގެންދާނެކަމަށެވެ.

img:http://s1.psmnews.mv/images/660x400/15059314836741.jpg|ގުރައިދޫ މަރުކަޒަށް ދިން އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްުޔާތުގެ ތެރެއިން / ފޮޓޯ: ހެލްތު މިނިސްޓްރީ

އެލިއާ ކުންފުންނާއި، އަމީން ކޮންސްޓްރަކްޝަން އަދި ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަނުން 1.7 މިލިއަން ރުފިޔާ ގުރައިދޫ މަރުކަޒަށް ދޭންނިންމާފައިވާއިރު، މި ޕްރޮޖެކްޓްގެ ދަށުން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުޑަކުދިންނަށް ޚާއްސަ ވޯޑެއް އެޅުމަށްވަނީ ނިންމާފައެވެ. 

މި ވޯޑުގައި ޒަމާނީ ފެންވަރުގެ ދިހަ އެނދުގެ ހުންނާނެއެވެ. ހަމައެއާއެކު އެ މަރުކަޒްގައި ދޭ ލޯންޑްރީ ޚިދުމަތުގެ ފެންވަރުވެސް މިހާރަށްވުރެ ރަނގަޅުކުރާނެއެވެ.

އެހީގެ އެއްބަސްވުމުގައި އެލިޔާ ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ އަލާއު ޢަލީއެވެ. ހޮޓެލްސް އެންޑް ރިސޯޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއަރމަން މުޙައްމަދު އަލީ ޖަނާޙްއެވެ.